އެމްއެމްއޭއިން ތަޢާރަފްކުރި "އެމްއެމްއޭ ގެރެންޓީ" ލޯނު ސްކީމް އަލުން ތަޢާރަފްކުރުމާއެކު، ވިޔަފާރިތަކަށް ލޯނު ލިބުމުގައި ދިމާވާ ދަތިތަކަށް މުހިއްމު ޙައްލެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. ގަވަރުނަރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގަވަރުނަރު މުނައްވަރު ވިދާޅުވީ، މީގެކުރިން އެ ލޯނު ސްކީމްގައި ބައެއް މައްސަލަތައް ހުރުމުން، އެކަންކަން ޙައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މި ސްކީމްގެ މައްސަލަތައް ޙައްލުކުރުމަށްފަހު، މިއަހަރުގެ ތެރޭގައި އެ ލޯނު ސްކީމް އަލުން ތަޢާރަފް ކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ލޯނު ސްކީމްގެ ތެރެއިން ޚާއްޞަކޮށް އިމާރާތް ކުރުމުގެ ދާއިރާއަށާއި، ގެސްޓް ހައުސް ވިޔަފާރި އެޅުމުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް (އެސްއެމްއީސް) ލޯނު ލިބުމުގައި ފަސޭހަވެގެންދާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. މިއީ އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.
ލޯނު ލިބުމުގައި ދިމާވާ ދަތިތަކުގެ އަސްލަށް އަލިއަޅުވާލައްވަމުން މުނައްވަރު ވިދާޅުވީ، ބޭންކުތަކުގެ ރިސްކް އެޕަޓައިޓް ދަށްވުމުގެ ސަބަބުން މައްސަލަތައް ދިމާވާ ކަމަށެވެ. އެހެންކަމުން، އެމްއެމްއޭއިން ވަކި ދާއިރާތަކަކުން ވިޔަފާރިވެރިންނަށް ލޯނު ދިނުމަށް ބޭންކުތަކަށް އަންގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބޭންކު ރިސްކް އެޕަޓައިޓް ނުވާތީ މީގައި މައްސަލަތަކެއް މިއުޅެނީ. އަޅުގަނޑުމެން ދަންނަވާނަން ވަކި ދާއިރާތަކަކުން ވިޔަފާރިވެރިންނަށް ލޯނު ދޭން،" ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވިއެވެ. މި ސްކީމް އަލުން ތަޢާރަފްކުރުމާއެކު، އިޤްތިޞާދަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެމްއެމްއޭއިން އުންމީދު ކުރެއެވެ.
ކޮމެންޓު ފޮނުވާ