ސައުދީ އަރަބިއްޔާއިން ދިވެހި ސަރުކާރާއި ރައްޔިތުންނާ އަތާއި އަތް ގުޅާލައިގެން މަސައްކަތް ކުރާނެ: ސަފީރު

ސައުދީ އަރަބިއްޔާއިން ދިވެހި ސަރުކާރާއި ރައްޔިތުންނާ އަތާއި އަތް ގުޅާލައިގެން މަސައްކަތް ކުރާނެ: ސަފީރު

Author
ޙަސަން މުޙައްމަދު
14 ނޮވެމްބަރ 2025 11:23
0

ސައުދީ އަރަބިއްޔާއިން ދިވެހި ސަރުކާރާއި ރައްޔިތުންނާ އަތާއި އަތް ގުޅާލައިގެން މަސައްކަތް ކުރައްވާނެ ކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ދެމިއެބައޮތް ކަމަށް ސައުދީ ސަފީރު ޔަހްޔާ ހަސަން އަލް ގަހުތާނީ ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ބައެއް ނޫސްވެރިންނާ އެކީގައި ސައުދީ އެމްބަސީގައި ބޭއްވި ބައްދަލުވުމެއްގައި ސަފީރު ވިދާޅުވީ ސައުދީން ރާއްޖެ ބަލައިގަންނަނީ ވަރަށް ގާތް އެކުވެރި އަދި އަގުހުރި ރަހްމަތްތެރި ގައުމެއްގެ ގޮތުގައި ކަމަށެވެ.

ސަފީރު ފާހަގަކުރެއްވި ގޮތުގައި ސައުދީ އަރަބިޔާގެ އިންވެސްޓްމަންޓުތަކަކީ ހަމައެކަނި ފައިސާގެ ރަމްޒެއް ނޫނެވެ. އެއީ އަގީދާގެ ގޮތުން ދެ ގައުމު ގުޅިފައި އޮތް ގޮތާއި، އިތުބާރާއި އެކުވެރިކަމުގެ ރަމްޒެއް ކަމަށް އޭނާ ވިދާޅުވިއެވެ. ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން މިހާތަނަށް ރާއްޖެއަށް 17 ލޯނެއް ދީފައިވާއިރު، 14 މަޝްރޫއެއް ހިންގުމަށް އެހީތެރިވެދީފައިވެއެވެ. އިންފްރާސްޓްރަކްޗާ، ހައުސިން، ދަތުރުފަތުރު، ސިއްހީ ދާއިރާއާއި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުން ހިމެނޭ މި މަޝްރޫއުތަކުން ރާއްޖެއަށް ލިބުނު އެހީގެ އަދަދު 488 މިލިއަން ޑޮލަރަށް އަރައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުން، ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީކުރުމާއި އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރުމަކީ މި ފަންޑުގެ ދަށުން ހިންގި މުހިންމު މަޝްރޫއުތަކެވެ. މި ފަހުން އެއާޕޯޓް ތަރައްގީކުރުމަށް 17 މިލިއަން ޑޮލަރާއި ހައުސިން ޕްރޮޖެކްޓަކަށް 25 މިލިއަން ޑޮލަރުގެ ލޯންތައް ދޭން ވެސް ސޮއިކޮށްފައިވެއެވެ. މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކޯލްޑް ސްޓޯރޭޖް އަދި އެކްސްޕޯޓް އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ވެސް އެހީތެރިވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ. ސައުދީން 10،000 މީހުންނަށް ނަމާދުކުރެވޭ ސަލްމާން މިސްކިތް ތަރައްގީކޮށްދީފައިވާއިރު، ކޮންމެ އަހަރަކު 318 ސްކޮލަޝިޕް ފުރުސަތު ދެމުން އަންނަކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.