ޑްރަގު ވިޔަފާރިކުރާ މީހުންނަށް އިންޒާރު: ރާއްޖޭގައި އުޅެން އުނދަގޫވާނެ

ޑްރަގު ވިޔަފާރިކުރާ މީހުންނަށް އިންޒާރު: ރާއްޖޭގައި އުޅެން އުނދަގޫވާނެ

Author
ހުސައިން
13 ނޮވެމްބަރ 2025 04:20
0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމުރުފުޅާއެކު މިއަދު ފަތިހު 05:00ގައި މުޅި ރާއްޖޭގައި ފެށި "އޮޕަރޭޝަން އަލިމަގު"އާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އިންޒާރު ދެއްވައިފިއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވިދާޅުވީ ފާއިތުވި ހަމަސް ދުވަހުގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ފުލުހުންގެ ހުރިހާ ބަހާތަކެއް ގުޅިގެން މި އޮޕަރޭޝަން ކުރިއަށްދާ ކަމަށެވެ. މިއީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެކެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ މިއަދުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އެ ފުރުސަތު ނުދޭނެ ކަމަށާއި ރާއްޖޭގައި އުޅެން އުނދަގޫވާ ވަރަށް ފުލުހުން މަސައްކަތްކުރާނެ ކަމަށެވެ. އެ ވިޔަފާރިކުރާ މީހުންނަށް ގާނޫނުން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގައިވެސް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވަނީ މި ވިޔަފާރިކުރާ މީހުން އެކަން ހުއްޓާލުމަށް އެދިވަޑައިގެންފައެވެ. ރާއްޖޭގައި ޑްރަގުގެ ވިޔަފާރިއެއް ދެން ނުކުރެވޭނެ ކަމަށާއި މަސައްކަތް ހުއްޓާލާނީ މި ވިޔަފާރިކުރާ މީހުން އެކަން ހުއްޓާލާ ހިސާބުން ކަމަށް އިހުސާން ވިދާޅުވިއެވެ.

ފުލުހުން 24 ގަޑިއިރު މަސައްކަތްކުރާނެ ކަމަށާއި މަސްތުވާތަކެއްޗާ ގުޅުން ހުންނަ ކަންކަމުގައި ހައްޔަރުކުރާ މީހުންނަށް އެއްވެސް ލުޔެއް ނުދިނުމަށް ރައީސް މުއިއްޒު ތަކުރާރުކޮށް އިރުޝާދުދެއްވާ ކަމަށް މިނިސްޓަރު ވަނީ ހާމަކުރައްވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.