ދަރިމައިވުމުގެ މައްސަލަ ހުންނަ ދެމަފިރިންނަށް އައިވީއެފް ފަރުވާއަށް ހިލޭ އެހީދޭ ޕްރޮގްރާމް ހިންގަމުން އަންނަތާ މިހާތަނަށް 7.13 މިލިއަން ރުފިޔާ ހަރަދުކޮށް، 93 ދެމަފިރިންނަށް އެހީތެރިވެފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
އެންސްޕާއިން ހާމަކުރި ތަފްސީލުތަކަށް ބަލާއިރު، މިދިޔަ އަހަރު މި ޕްރޮގްރާމަށް 4.78 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 7.13 މިލިއަން ރުފިޔާއަށް ހަރަދު އިތުރުވެފައިވެއެވެ. މި އަހަރުގެ އޮކްޓޯބަރު ނިޔަލަށް އެހީ ލިބުނު 93 ދެމަފިރިންގެ ތެރެއިން 23 ދެމަފިރިންގެ ފަރުވާ ކާމިޔާބުވެސްވެފައިވެއެވެ.
އާސަންދައިން މި ހިދުމަތް ފުރަތަމަ ފެށީ މިދިޔަ އަހަރުގެ މާރިޗު 16 ވަނަ ދުވަހުއެވެ. ފުރަތަމަ ބުރުގައި 153 ދެމަފިރިން ކުރިމަތިލިއިރު، އޭގެ ތެރެއިން 37 ދެމަފިރިންނަށް އެހީ ހަމަޖައްސައިދިނީއެވެ. ދެވަނަ ބުރުގައި 216 ފަރާތްތަކުން ފޯމު ހުށަހެޅުމުން، 64 ދެމަފިރިންނަށް އެހީ ދީފައިވެއެވެ.
އާސަންދަ ސްކީމް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަރުކަޒުތަކުން ފޯރުކޮށްދޭ މި ހިދުމަތުގައި، އެންމެ މަތިން ޕޮއިންޓު ލިބޭ 100 ދެމަފިރިންނަށް އެހީ ހަމަޖައްސައިދޭން ހަމަޖެހިފައިވާއިރު، މިދިޔަ އަހަރުގެ ބަޖެޓުގައި މި ފަރުވާއަށް 30 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
ކޮމެންޓު ފޮނުވާ