ކ. ގުޅީގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް މިއަދު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިތުރުވި ބިމުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
މި މަޝްރޫޢުން އިތުރުވާ ބިމަކީ ގުޅީގެ ރައްޔިތުންގެ ތަރައްޤީއަށް ގިނަ ކަންކަން ފެށުމުގެ ފުރުޞަތު ފަހިވާ ޞަފްޙާއެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވާ ގޮތަށް މި ބިން ބޭނުންކުރެވޭނެ ގޮތް ފަހިވާ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރެވޭނެ ކަމަށާއި، ހައުސިންގ މަޝްރޫޢުތަކާއި އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ކަންކަމުގައި ސަރުކާރު އޮންނާނީ ރައްޔިތުންނާ އެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ސޮއިކުރެވުނު ގުޅީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ރައްޔިތުން އެދިވަޑައިގެންނެވި މި މަޝްރޫޢު ހިއްކުމުގެ މަޝްރޫޢާ އެއްގޮތަށް ބާރު ސްޕީޑުގައި ކުރިއަށްގެންދެވޭނެ ކަމަށެވެ. މަޝްރޫޢަށް ބޭނުންވާ މެޝިނަރީޒް މިހާރުވެސް ރަށުގައި ހުރިކަމަށާއި، މިއީ ދާދި އަވަހަށް ނިމި ކާމިޔާބުވާނެ މަޝްރޫޢަކަށްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި އަހަރު ނިމުނު ކަންކަމާއި އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭ މަޝްރޫޢުތައް ވެގެންދާނީ ރިޔާސީ އިންތިޚާބުގައި ވެފައިވާ ވަޢުދުތައް ފުރިހަމަވެގެންދާ މަޝްރޫޢުތަކަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ