މިސަރުކާރު އައުމަށްފަހު ފޮރިން ސެކެޓްރީކަން ކުރެއްވި ފާތުމަތު އިނާޔާ، ފޮރިން ސެކްރެޓަރީގެ އެ މަޤާމަށް އަލުން އައްޔަންކުރައްވައިފި އެވެ. އިނާޔާ މި މަޤާމުގައި ފުރަތަމަ އައްޔަންކުރެއްވީ ޑިސެމްބަރު 2023 ގައެވެ. އެކަމަކު މިދިޔަ މެއި މަހު ފަސް މަސް ދުވަހު މަސައްކަތްކުރެއްވުމަށްފަހު ކުއްލި ގޮތަކަށް އެ މަޤާމުން ވަކިކުރައްވައި، ސެކްރެޓަރީގެ މަޤާމަށް ބަދަލުކުރެއްވި އެވެ.
އިނާޔާ ވަކިކުރެއްވުމަށްފަހު ފޮރިން ސާވިސްގެ އެންމެ އިސް މަޤާމު ހަ މަސް ދުވަހު ވަންދެން ހުސްކޮށް ހުއްޓެވެ. މިހާރު އޭނާ އަލުން އައްޔަންކުރެއްވުމާ ގުޅިގެން، ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރަށް މަރުހަބާ ދެންނެވުމަށް އިނާޔާ ވަނީ އެއާޕޯޓަށް ވަޑައިގެންފައެވެ.
އިނާޔާ އަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވައި، ޓްރާންސްޕޭރެންސީ މޯލްޑިވްސްގައި ވެސް މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ސިޑްނީ ޔުނިވަރސިޓީން އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް އެފެއާޒް އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފައެވެ. ފޮރިން ސެކްރެޓަރީގެ މަޤާމުގެ މުއްދަތަކީ ތިން އަހަރެވެ.
ކޮމެންޓު ފޮނުވާ