އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ސައުދީން އެހެން ގައުމުތަކަށް ދީފައިވާ ހައްޖު ކޯޓާގެ ތެރެއިން ބޭނުން ނުކުރާ ބައި ރާއްޖެއަށް ލިބޭނެ ގޮތް ހޯދުމަށް މަޝްވަރާކުރައްވައިފި އެވެ.
މިއަދު ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓަރު ޑރ. ތައުފީގު ބިން ފައުޒާނު އައްރަބީއާއެކު ބައްދަލުކުރައްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ ސައުދީން ރަސްމީ ކޯޓާގެ އިތުރުން އިތުރު ކޯޓާ މިހާރު ނުދެއްވި ނަމަވެސް، ބައެއް ގައުމުތަކުން ބޭނުން ނުކުރާ ކޯޓާ އެހެން ގައުމުތަކަށް ބަދަލުކުރައްވާ ގޮތަށް ހިންގަވާ އިނިޝިއޭޓިވެއް ސައުދީން ފަށާފައިވާ ކަމަށާއި، އެ ފުރުސަތު ރާއްޖެއަށް ހޯދައިދިނުމަށް މަޝްވަރާކުރެވުނު ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ސައުދީއާ ދެމެދު ހައްޖުގެ ހިދުމަތާ ބެހޭ އެއްބަސްވުމެއްގައި ވެސް ސޮއިކުރެވިއްޖެ އެވެ. މި އެއްބަސްވުމުގައި ކުރިއަށް އޮތް ހައްޖު މޫސުމުގައި ފައިސާ ދެއްކުމުގެ އުސޫލާއި، ހިދުމަތްދޭ ކުންފުނިތަކުން ކަންކަން ކުރާނެ ގޮތާއި، ރާއްޖޭގެ ހައްޖު މިޝަން ގާއިމުކުރުމާ ބެހޭ ކަންކަން ހިމަނާފައިވެ އެވެ.
ކޮމެންޓު ފޮނުވާ