އިއްޔެ ދިވެހި ކަނޑުގެ ސަރަހައްދުން އެމްއެންޑީއެފް (މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް) އިން ހިންގި ސަރވެއިލަންސް އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، އިއްޔެ އަތުލައިގަތް މި ބޯޓު ބަލައިފާސްކުރުމުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަން ތަހުގީގަށް ކަށަވަރުވެފައިވާ ކަމަށެވެ. ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލެއް، އެއީ މަސްތުވާތަކެތީގެ ބާވަތާއި އަދި މިހާތަނަށް ހައްޔަރުކުރެވިފައިވާ މީހުންގެ އަދަދެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި ބޯޓު އަތުލައިގަނެ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެމްއެންޑީއެފްގެ އެއަރކޯރއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަރވޭލަންސް އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި ސަރވޭލަންސްގައި މި ބޯޓު ޤާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާކަން ފާހަގަވުމުން، ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަން އިން ވަނީ އެ ބޯޓާ އިންޓަސެޕްޓްކޮށް، ބޯޓު ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި އޮޕަރޭޝަނަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤާނޫނާ ޚިލާފު ވިޔަފާރިތަކާއި ހަރަކާތްތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ކުރަމުންދާ މަސައްކަތުގެ މުހިއްމު ހިއްސާއެކެވެ.
ކޮމެންޓު ފޮނުވާ