ދުޅަހެޔޮ ދިރިއުޅުމެއް ހޯދުމަށް ސިއްހަތަށް އިސްކަންދިނުމަކީ ގައުމު ކުރިއެރުވުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
"ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު" ޤައުމީ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ ގައުމެއްގައި ސިއްހަތަށް އިސްކަންދިނުމުގެ ސަބަބުން އެ ގައުމަށް އެތައް ގޮތަކުން ކުރިއެރުން ލިބިގެންދާނެކަމަށެވެ. ރަނގަޅު ކެއުންބުއިމާއި ދިރިއުޅުމުގެ އާދަތައް ގެންގުޅުމަކީ ދުޅަހެޔޮ އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑިކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
"ތޫނު ސިކުނޑިތަކެއް، މުރާލިއަތްތަކެއް، ހިވާގިކެރޭ ހުނަރުވެރިންތަކެއް އުފެދޭނީ އޭރުން. އެފަދަ ގައުމެއްގައި އޮންނާނީ އުފާވެރިކަމާއި ތަހުޒީބާއި އުފެއްދުންތެރިކަން" ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.
އެކަމަނާ ވަނީ ސަލާމަތް ސިއްހަތަށާއި ރަނގަޅު ދިރިއުޅުމަށް އިސްލާމްދީންވެސް ބާރުއަޅާކަން ފާހަގަކުރައްވައި، ހަލާލު ރަނގަޅު ކާބޯތަކެތި ކެއުމަށާއި ވަކި މިންތަކެއް ގެންގުޅުމަށް ގުރުއާނާއި ސުންނަތުގައި އަންގަވާފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މުސްލިމުންނަށް ދުޅަހެޔޮ އުފާވެރި ގައުމެއް ބިނާކުރުން ފަސޭހަވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.
ރައީސްގެ އަނބިކަނބަލުން ވަނީ ރައީސް މައުމޫނާއި ރައީސް ނާސިރުގެ ވެރިކަމުގައި ހިންގެވި ޤައުމީ ކެމްޕެއިންތަކާއި އެއްފަދައިން މިހާރުވެސް ސަރުކާރުން ހިންގަވާ ގައުމީ ހަރަކާތްތަކަށް ރައްޔިތުންގެ އެއްބާރުލުން ލިބިގެންދާނެކަމަށާއި، ރައީސް ޑރ.މުއިއްޒު އިއުލާންކުރެއްވި ޖެނެރޭޝަނަލް ބޭންއަށް ބޮޑު ތަރުހީބެއް ލިބިގެންދާކަން ފާހަގަކުރައްވާފައެވެ. ދިވެހިންނަކީ ރަނގަޅު ކަންކަމަށް އާން އެކޭ ބުނާ ބައެއްކަމަށާއި މި ކެމްޕެއިންގައި މުޅި ރާއްޖެ ބައިވެރިވާނެކަން އެކަމަނާ ޔަގީންކުރައްވާކަމަށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ