ވެރިކަން ކުރާ ޕީއެންސީން މި މަހުގެ 14 ވަނަ ދުވަހު އާޓިފިޝަލް ބީޗުގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމައި، އެ ހަރަކާތަށް ދައުވަތު ދިނުމުގެ ޚާއްސަ ހަރަކާތެއް މިއަދު ފަށައިފިއެވެ.
ޕީއެންސީ ހަރުގޭގައި މިއަދު ހެނދުނު ބޭއްވި ހަރަކާތުގައި އެ ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވީ މި ވެރިކަމަށް ދެ އަހަރު ވީއިރު ވެސް ޕީއެންސީން ބޮޑު އެއްވުމެއް ބާއްވައިފައި ނުވާ ކަމަށެވެ. އެ ޕާޓީއަށާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބޮޑު ހަރަކާތެއް ބޭއްވުމަށް އެދެމުންދާތީ، މި ޖަލްސާ ރާވަން ނިންމި ކަމަށް އޭނާ ވިދާޅުވިއެވެ.
ފަލާޙް ވިދާޅުވީ މި ޖަލްސާގެ މައިގަނޑު މަޤްސަދަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ ތަރައްގީގެ މަސައްކަތްޕުޅުތަކަށް ޝުކުރުއަދާކުރުމާއި، ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ޕީއެންސީގެ ސަޕޯޓަރުންނާއި ރައީސް ބައްދަލުކުރެއްވުން ކަމަށެވެ. ރައީސް ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ވަރަށް ގިނަ ތަރައްގީގެ މަޝްރޫޢުތައް ހިންގަވަމުން ގެންދަވާތީ، ރައްޔިތުން ބޭނުންވަނީ ރައީސަށް ޚާއްސަ ޝުކުރެއް އަދާކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ބާއްވާ މި ޖަލްސާގައި ރައީސާއި ސަރުކާރުގެ ވެރިން ބައިވެރިވެވަޑައިގަންނަވާ އިރު، ރަށްރަށުން ވަރަށް ގިނަ އަދަދަކަށް ޢާންމުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ.
ކޮމެންޓު ފޮނުވާ