ދިވެހިރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ މާކެޓުތަކުގައި އިތުރަށް ދެއްކުމުގެ ގޮތުން 'ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026′ ރަސްމީކޮށް ނެރެފިއެވެ. މި ގައިޑަކީ ދުނިޔޭގެ ފަތުރުވެރިންނަށް ރާއްޖެ ޒިޔާރަތްކުރުމަށް ހިތްވަރުދޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދޭ ވަސީލަތެއްކަމުގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މި ގައިޑު ނެރުމުގެ ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް އާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ އާއި ޗެއަރޕާސަން ޢަބްދުﷲ ޣިޔާޘް ބައިވެރިވެވަޑައިގެންފައިވެއެވެ.
މި އައު ގައިޑުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބެންހުރި ތަޖުރިބާތަކާއި، ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ލައިވްބޯޑުތަކުގެ މަޢުލޫމާތު ހިމަނާފައިވެއެވެ. މީގެ އިތުރުން ފަތުރުވެރިންނަށް ޚާއްޞަ ދަތުރުފަތުރުގެ އިންތިޒާމުތަކުގެ ތަފްޞީލު ވެސް ހިމެނެއެވެ. ވިޒިޓް މޯލްޑިވްސް އިން ނެރެފައިވާ މި ގައިޑަކީ ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ ފަތުރުވެރިންނަށާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް ވަރަށް ބޭނުންތެރި ވަސީލަތެއްކަމުގައި ބެލެވެއެވެ. 2026 ވަނަ އަހަރަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަމާއި މުއްސަނދި ސަގާފަތާއި ހުރިހާ ޚިދުމަތްތަކެއްގެ މައްޗަށް އަލިއަޅުވާލުމަކީ މި ގައިޑު ނެރުމުގެ މައިގަނޑު މަޤްޞަދެވެ.
ކޮމެންޓު ފޮނުވާ