1988 ވަނަ އަހަރުގެ ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންގެ ޒިކުރާއަށް ހާއްޞަކޮށް، ގދ. ތިނަދޫ ސިޓީގައި މިއަދު ސިފައިންގެ މައުރަޒެއް ހުޅުވައިފި އެވެ. މި މައުރަޒު ހުޅުވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ.
ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށްގެންދާ މި މައުރަޒުން، ދިވެހިރާއްޖެއަށް ޢުދުވާނީ ހަމަލާ ފެށުނު ވަގުތުން ފެށިގެން ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ކަންތައްތައް ފޮޓޯތަކާއި، ކުރެހުންތަކާއި، އަޑާއި މަންޒަރުތަކުގެ ޒަރީޢާއިން ދައްކުވައިދެ އެވެ. އަދި އެ ދުވަހު ދިވެހި ސިފައިންނާއި ރައްޔިތުން ދެއްކި ގަދަހިތްވަރާއި ޤުރުބާނީގެ އަގު މި މައުރަޒުން ތަޞައްވުރުކުރެވެއެވެ.
މި މައުރަޒު މިއަދާއި މާދަމާ އާންމުންނަށް ހުޅުވާލެވިފައިވާއިރު، ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު، ތިނަދޫ ސިޓީގެ މޭޔަރާއި، އެމްއެންޑީއެފްގެ އިސްބޭފުޅުންނާއި، ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ. މި މުނާސަބަތުގައި މާދަމާ ހަވީރު ތިނަދޫ ސިޓީ ސްޓޭޑިއަމުގައި އެމްއެންޑީއެފް މިލިޓަރީ ޑިސްޕްލޭއާއި ޢާއިލީ ހަވީރެއް ބާއްވަން ވެސް ހަމަޖެހިފައިވެ އެވެ.
ކޮމެންޓު ފޮނުވާ