އައްޑޫ ސިޓީ މަރަދޫފޭދޫގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤް އިބްރާހިމާއި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެދާއިރާގެ މަޖިލިސް މެންބަރާއި ކައުންސިލް މެންބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކުރައްވައިގެން ކުރިއަށްދާ މި މަޝްރޫޢަކީ ސަރުކާރުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނެސް ސެންޓަރުތައް ޤާއިމުކުރުމަށް ފަށްޓަވާފައިވާ ބިޔަ މަޝްރޫޢުގެ ބައެކެވެ. މި ސެންޓަރުގައި އިންޑޯ ޖިމާއި އެރޮބިކްސް ސްޓޫޑިއޯއާއި އިންޑޯ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖައްސާނެއެވެ. މިމަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ގުޅުންތައް ވަރުގަދަވެގެންދާއިރު އާންމުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅޭނެ ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ