ފުވައްމުލަކާއި އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރޭ ފުވައްމުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މުސާރަ އެއްހަމަކުރުމުގެ ސަބަބުން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަނުވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރަމުން އަންނަ މި ބަދަލު ގެނެސްފައިވަނީ ވަރަށް ބޮޑަށް ދިރާސާކުރައްވައިގެން ކަމަށާ، މުސާރަ ބޮޑުކުރެވުނީ ކުރިއަށް އޮތް ތަނުގައި މުވައްޒަފުންނަށް ހަގީގީ މާނައިގައި ފައިދާވާނެ ގޮތަށް ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވާ އިތުރުގަޑީގެ މަސައްކަތު ވަގުތާ މެދުގައި މުސާރަ އެއްހަމަކުރުމުގެ ތެރެއިން ހަމަޖެހިފައިވާ ގޮތުގެ މިސާލުތައް އެމަނިކުފާނު ހިއްސާކުރެއްވިއެވެ.
20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާ ކަމަށާ، ބާކީ ހުރި ދާއިރާތަކުގެ މުވައްޒަފުންނަށްވެސް އަންނަ އަހަރުގެ ތެރޭގައި އެކަން ހަމަޖެހޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އެންމެ ދަށް އަސާސީ މުސާރައިގެ ގޮތުގައި 7،000 ރުފިޔާ ކަނޑައަޅުއްވާފައިވާއިރު، މިކަމުގެ ސަބަބުން މުވައްޒަފުންގެ ޕެންޝަން ފަންޑަށްވެސް ހެޔޮ ބަދަލު އަންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
"މުސާރައަށް ގެނެވުނު ބަދަލަކާއެކު މުވައްޒަފުންގެ އާމްދަނީ އިތުރުވެގެންދާނެ. އޭގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު މަތިވުމުގެ އިތުރަށް ފަހަށް ރައްކާކުރަން ލިބޭ އެއްޗެއް އިތުރުކުރުން މަގްސަދަކީ" ރައީސް ވިދާޅުވިއެވެ. ވަކިވަކި ދާއިރާތަކުގައި ހުރި ކަންބޮޑުވުންތައް ޕޭ ކޮމިޝަނާ މަޝްވަރާކުރައްވައިގެން މުވައްޒަފުންނަށް ތަފްސީލުކޮށްދެއްވުމަށް އިދާރާތަކުގެ އިސްވެރީންނަށް އެމަނިކުފާނު ގޮވާލެއްވިއެވެ.


