ފުވައްމުލަކު ސިޓީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން، ރަށުގައި ބޯން ބޭނުންކުރާ ފެނަކީ ރައްކާތެރި ފެންތޯ ބެލުމަށް ފެން ޓެސްޓު ކުރެވޭނެ އިންތިޒާމު ގާއިމުކޮށްދެއްވުމަށް އެދިއްޖެއެވެ. ފުވައްމުލައް ސިޓީއަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ސިޓީ ކައުންސިލާއި އަތޮޅު ތަރައްގީގެ ކޮމިޓީއާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް މުހިންމު ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވިއިރު، ކައުންސިލުން ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ހިއްސާކުރެއްވިއެވެ.
ރަށުގެ ފެނާއި ކަރަންޓުގެ މައްސަލަތައް ވީހާވެސް އަވަހަށް ހައްލުކޮށްދެއްވުމަށާއި، ރަމަޟާން މަހަށް ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ކައުންސިލުން ވަނީ ވަކިން ހާއްސަކޮށް އެދިފައެވެ. އެއާއެކު އިންޖީނު ބަދަލުކުރުމާއި، އޮފީސް ކޮމްޕްލެކްސްގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށް ވެސް ކައުންސިލުން ވަނީ ސަރުކާރުގައި އެދިފައެވެ. މީގެ އިތުރުން، ފަތުރުވެރިކަން ކުރިއަރަމުންދާތީ ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ވަކި ބައެއް ކައުންސިލަށް ލިބޭނެ އުސޫލެއް ހަދައިދިނުމާއި، ސިޓީ ހޮޓަލުގެ މަޝްރޫއުގައި ކައުންސިލްގެ ބައިވެރިވުން އިތުރުކޮށްދިނުމަށް ވެސް ކައުންސިލުން އެދިވަޑައިގެންފިއެވެ. އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއާއި، ކުނިކޮށީގެ ކުނި އުކުމާއި، ގެދޮރުގެ ދަތިކަން ހައްލުކުރުމާއި، ކައިރި އަތޮޅަކުން ފަޅުރަށެއް ލިބޭނެގޮތް ހެދުމަކީ ވެސް ކައުންސިލުން ފާހަގަކުރި ކަންކަމެވެ. ބައްދަލުވުމުގައި ރައީސް ވަނީ މި ކަންކަމުގެ ތަފްސީލު ދެއްވައި ކުރިއަށްދާ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.


