ހުޅުމާލޭ ޕޮލިސްގެ ވެރިޔާގެ މަޤާމުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ދާއޫދު، ކޮރަޕްޝަން ތުހުމަތުތަކާ ގުޅިގެން އެ މަޤާމުން ދުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް، ފުލުހުންގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ބަލާ ކޮމިޓީގައި ވިދާޅުވީ، 2023 އާއި 2024 އާ ދެމެދު ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ ފައިސާ ވަދެފައިވާ ކަމަށާއި، އެ ފައިސާއިން 14.6 މިލިއަން ރުފިޔާގެ އެސެޓް އުފައްދާފައިވާ ކަމަށެވެ. އަދި އެމްއެމްޕީއާރްސީ މައްސަލައިގައި ވެސް ދާއޫދުގެ ނަން ހިމެނޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ދާއޫދު ވަނީ މި ތުހުމަތުތައް ދޮގުކުރައްވައި، އޭނާ ފްރޭމްކުރަން އުޅޭ ކަމަށް ބުނެ، ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑަށް މައްސަލަ ހުށަހަޅުއްވައިފައެވެ. މައްސަލަތައް ބަލައި ނިމެންދެން، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ދާއޫދު އޮފީސް އޮފް ކޮމިޝަނަރަށް ރިޕޯޓުކުރާ ގޮތަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލޭ ޕޮލިސްގެ އައު ވެރިޔާގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު (ޓޫފޯ) ވަނީ އައްޔަންކުރައްވައިފައެވެ. ދާއޫދަށް ކުރެވޭ ތުހުމަތުތައް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބަލަމުން ގެންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.


