ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ މިއަދު ފާހަގަކުރަމުން ދާ ނަސްރުގެ ދުވަހަކީ އަވަށްޓެރި އިންޑިޔާގެ މަދަދުވެރިކަން ދާއިމަށް ދިވެހިންނަށް ހަނދާންކޮށްދޭ ދުވަހެއް ކަމުގައެވެ.
އެމަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ދިވެހި ގައުމަށް ޚާއްސަ ދުވަހެއް ކަމަށާ ނަސްރު ދެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރުކުރުމަށް ހަނދާންކޮށްދޭ ދުވަހެއް ކަމުގައެވެ. މީގެ އިތުރުން މިއީ ދިވެހިންގެ ލޭ އޮހޮރުވާލައި ވެރިކަން ބަދަލުކުރަން އުޅުނު ދުވަހެއް ކަމަށާ ދިވެހި ސިފައިންގެ ވަރުގަދަ ޢަޒުމާއި ޤުރުބާނީ ފާހަގަ ކުރެވުނު ދުވަހެއް ކަމުގައި ޔާމީން ފާހަގަކުރެއްވި އެވެ.
ޔާމީން އިތުރަށް ވިދާޅުވީ މިއީ ޒުވާން ޝަހީދު ޙުސައިން އާދަމްގެ މަތިވެރި ޖިހާދުގެ ދުވަހެއް ކަމަށާ، ޤައުމު ދިފާޢުކުރުމުގައި އާދައިގެ ސިފައިންގެ ބޭކަލަކު މުޅި ސިފައިންގެ ލަޝްކަރަށް ފިލާވަޅު ނަގައިދިން ދުވަހެއް ކަމުގައެވެ. އަދި ބްރިގޭޑިއާ ޖެނެރަލް (ރޓ) އިބްރާހިމް މުޙައްމަދު ދީދީގެ މަތިވެރި ހިތްވަރުގަދަ މަސައްކަތުން ސިފައިންގެ ހަތިޔާރު ގުދަން ސިފައިންގެ އަތުޖައްސައިދީ ވަރުގަދަ ރައްދު ހަމަލާތައް ދިން ދުވަހެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެ 37 އަހަރު ކުރިން 1988 ވަނަ އަހަރުގެ ނޮވެންބަރު ތިންވަނަ ދުވަހު ދިވެހީންގެ ބަޔަކު އަޑީގައި ތިބެގެން ކުލީ ސިފައިން ގެނެސް މާލޭގައި ހިންގި އުދުވާނަކުން 19 ދިވެހިން ޝަހީދުވި އެވެ. އެ ހަމަލާއަށް ރައްދު ދިނުމަށް ރައީސް މައުމޫންގެ އެދިވަޑައިގަތުމަކަށް އިންޑިއާ ސިފައިން ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ