ހުއްދަ ހޯދުމަކާ ނުލާ މުޒަހަރާކުރެވޭ ގޮތަށް ހެދުމަށްޓަކައި، 'ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު' އެއްކޮށް އުވާލަން އިދިކޮޅު އެމްޑީޕީން ހުށަހަޅައިފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް މާދަމާ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައިވެއެވެ. ބިލުގައި އޮތީ މުޅި ގާނޫނު އުވާލުމަށެވެ. އެގޮތަށް ހުށަހަޅާ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ، ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ދައުލަތުގެ ހުއްދަ ހޯދުމަކާ ނުލާ ސުލްހަވެރިކަމާއެކު އެއްވެ އުޅެވޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، މި ގާނޫނުގެ ދަށުން އެ މިނިވަންކަމަށް ހުރަސް އެޅޭތީ ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތާއި މުޖުތަމައުގެ އަމާންކަން ބެލެހެއްޓުމަށް ފުލުހުންނަށް ބޭނުންވާ ބާރާއި އިހުތިޔާރު އެހެން ގާނޫނުތަކުގައި މިހާރު ފުރިހަމައަށް ކަނޑައަޅާފައިވާތީ، މި ގާނޫނު ވުޖޫދުގައި އޮތުމަކީ ބޭނުންތެރިކަމެއް ކަމަށް ނުވާތީވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ގާނޫނު ވުޖޫދުވީ 2013 ގައި ކުރީގެ ރައީސް ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި، އެމްޑީޕީގެ ފުރަތަމަ ސަރުކާރު ވައްޓާލުމާ ގުޅިގެން ކުރިއަށްގެންދިޔަ މުޒާހަރާތައް ހުއްޓުވުމަށްޓަކައެވެ. 2016 ގައި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެ ގާނޫނަށް އިތުރު އިސްލާހުތަކެއް ގެނެސް، މުޒާހަރާކުރުމުގެ ހައްގު އިތުރަށް ހަނިކުރިއެވެ. އެގޮތުން ސަރުކާރުން ކަނޑައަޅާ ސަރަހައްދުތައް ފިޔަވައި އެހެން ތަންތަނުގައި މުޒާހަރާކުރުމަށް ފުލުހުންގެ ހުއްދަ ކުރިއާލާ ހޯދަން ޖެހޭ ގޮތަށް ހެދިއެވެ.
ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ މި ގާނޫނު އިސްލާހު ކުރައްވާނެކަމުގެ ވައުދާއެކު ނަމަވެސް، ވެރިކަން ނިމިގެންދިޔައީ އެ ވައުދު ނުފުއްދާއެވެ. ރައީސް މުއިއްޒުވެސް އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި މި ގާނޫނު އިސްލާހު ކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވި އެވެ. ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ އޮތް ނަމަވެސް އަދި އެ ގާނޫނު އިސްލާހު ކުރުމަށް ހުށަނާޅައެވެ.
ކޮމެންޓު ފޮނުވާ