ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވީ ކޮންމެ ރައްޔިތަކަށް އަސްކަރީ ތަމްރީނާއި ހަތިޔާރު ދެވޭނެ ގޮތެއް ނެތް ނަމަވެސް ކޮންމެ މީހެއްގެ އަތުގައި ވެސް ބާރުގަދަ ހަތިޔާރެއް އެބައޮތް ކަމަށެވެ. އެއީ އެ މީހަކަށް ދެއްވައިފައިވާ ސިކުނޑި ކަމަށާއި، އެ ސިކުނޑިން ގައުމާ އެއްކޮޅަސް ވިސްނާނަމަ މިނިވަންކަން ހިމާޔަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދުގެ ބަވަނަވެފައިވާ ދުނިޔޭގައި މިނިވަންކަން ނިގުޅައިގަތުމުގެ މަސައްކަތްކުރަނީ ހަމައެކަނި ކަނޑިބަޑިން ނޫން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އިގްތިޞާދު އިސާހިތަކު ނައްތާލައި އަތުން މިނިވަންކަން ނިގުޅައިގަތުމަކީ ދާދި ފަސޭހަ ކަމެއް ކަމަށާއި، އެ ކަމަށް ނުވިސްނައި ތިބުން ގައުމަށް ގެއްލުންވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ކޮންމެ ރައްޔިތަކު ވެސް އަމިއްލަ މަސްލަހަތަށްވުރެ ގައުމު އިސްކުރާނަމަ، ރޭ ދުވާލު ހިތުގެ އަޑިން ގައުމު ދެކެ ލޯބިވެ ގައުމާ އެއްކޮޅަށް މަސައްކަތް ކުރާނަމަ ގައުމާ މެދު ކަންބޮޑުވާކަށް ނުޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ގައުމެއް ގައުމަކަށް ވަނީ އެ ގައުމެއްގެ ރައްޔިތުންގެ ވިސްނުމުގެ މައްޗަށް ކަމަށާއި، އިގްތިޞާދީ މިނިވަންކަމަކީ ވެސް ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ކުރަން ޖެހޭ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.


