1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއިން ޤައުމު ސަލާމަތްކުރުމަށް ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކަށް އަގުވަޒަންކުރައްވައި، ރައީސް މުޙައްމަދު މުޢިއްޒު، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އަރުވައިފިއެވެ.
މިއަދުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި އެރުވި މި އައްޑަނައަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވައިގެން، އޭރުގެ ރައީސް މައުމޫން ދެއްވި ހިކުމަތްތެރި އިރުޝާދާއި ވިސްނުންތެރި ލީޑަރޝިޕުގެ ސަބަބުން ނިރުބަވެރިންނާއި ދެކޮޅަށް ކުރި ހަނގުރާމަ ކާމިޔާބުކުރެވުނު ކަން ފާހަގަކުރުމުގެ ގޮތުން ދެއްވާފައިވާ އައްޑަނައެކެވެ. އަދި އެ ޙަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވި 8 ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި 11 ބޭފުޅުންގެ ޢާއިލާތަކަށް ނޮވެންބަރު 3 ގެ ޝަހީދުންގެ ހަނދާނީ އައްޑަނަތައް މިއަދުގެ ޖަލްސާގައި ވަނީ ޤައުމީ ފެންވަރެއްގައި އަރުވާފައެވެ.
ކޮމެންޓު ފޮނުވާ