ރާއްޖެއަށް ލިބުނު ނަޞްރުގެ ހަނދާން އާކުރުމުގެ ގޮތުން މިއަދު 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖަހައި ގާޑް މައުންޓްކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންނެވިއެވެ. ދައުލަތުގެ ވަޒީރުންނާއި އިސްވެރިންނާއި ގިނަ އަދަދެއްގެ ސިފައިންވެސް ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
މި ރަސްމިއްޔާތުގައި 8 ދިދަ ޖަހާފައިވަނީ 1988 ވަނަ އަހަރުގެ ޢުދުވާނީ ޙަމަލާގައި ޤައުމުގެ ދިފާޢުގައި ޝަހީދުވި 8 ސިފައިންގެ ހަނދާން އާކުރުމަށެވެ. ރަސްމިއްޔާތުގައި ޝަހީދުންގެ ހަނދާނުގައި 1 މިނެޓުގެ ސުކޫތެއް ގެނެސް 7 ބަޑީގެ ސަލާމެއް އަރުވާފައިވެއެވެ. ރަސްމިއްޔާތު ނިންމާލީ ޚާއްސަ ދުޢާއެއްކުރުމަށްފަހު ސިފައިންގެ ރަސްމީ ލަވަ އަޑުއިއްވުމާއެކީގައެވެ.
ނަޞްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ޚާއިނުން ބޭރުގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާއިން ދިވެހިންނަށް ނަޞްރު ލިބުނު ދުވަހެވެ. މި ޙަމަލާގައި 19 ދިވެހިން ޝަހީދުވިއެވެ. އެގޮތުން ސިފައިންގެ 8 ބޭކަލުންނާއި އާންމު ރައްޔިތުންގެ 11 މީހުން ޝަހީދުވިއެވެ. ހަނދާނީ ބިނާ ޤާއިމްކޮށްފައިވަނީ ސިފައިންގެ މައި މަރުކަޒުގައި 2012 ވަނަ އަހަރުގައެވެ. މި ބިނާ ފަރުމާކޮށްފައިވަނީ ޤައުމުގެ ދިފާޢުގައި ސިފައިން ކޮށްފައިވާ މަތިވެރި ގުރުބާނީ ރަމްޒުކޮށްދޭ ގޮތަށެވެ.
ކޮމެންޓު ފޮނުވާ