1988 ވަނަ އަހަރު ރާއްޖޭގެ މައްޗަށް ދިން ކުއްލި ޙަމަލާއިން ދިވެހި ސިފައިންނަށް ނަޞްރު ލިބުނު ދުވަސް ފާހަގަކުރުމުގެ ރަސްމީ ހަރަކާތްތައް މިއަދު ފަށައިފިއެވެ. އިސްލާމީ މަރުކަޒުގައި ސިފައިންގެ ޖަމާޢަތެއްގައި ކުރި ފަތިސް ނަމާދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދައުލަތުގެ ވަޒީރުން، އިސްވެރިންނާއި ގިނަ އަދަދެއްގެ ސިފައިންނާއި އާންމުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ހަރަކާތްތަކުގެ ތެރޭގައި 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުން ހިމެނެއެވެ. ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ހެނދުނު 9:00 ޖަހާއިރު ޒުވާނުންގެ މަރުކަޒުގައި ބާއްވާއިރު، ޖުމްހޫރީ މައިދާނުގައި ނިރުބަވެރި ހަމަލާއެއް ކުރިމަތިވުމުން އެކަން ނާކާމިޔާބު ކުރުމަށް ދިވެހި ސިފައިން ކުރާ މަސައްކަތް ދައްކުވައިދޭ ހަރަކާތެއްވެސް ބާއްވާނެއެވެ.
މިއަހަރުގެ ނަޞްރުގެ ދުވަހުގެ ޚާއްސަ މައުރަޒު ބާއްވާނީ ގދ. ތިނަދޫ ސިޓީގައި މިމަހުގެ 7 އަދި 8 ވަނަ ދުވަހުއެވެ. 3 ނޮވެންބަރުގެ ޙަމަލާގައި އެންމެ ފުރަތަމަ ޝަހީދުވެވަޑައިގެންނެވި ސިފައިންގެ ބޭކަލެއްކަމުގައިވާ ޢަބްދުﷲ ޒުހައިރު ނިސްބަތްވެވަޑައިގަންނަވަނީ ތިނަދުއަށެވެ. ދިވެހި 7 ޚާއިންނުންނާއި ބޭރުގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ދިން ހަމަލާގައި 19 ދިވެހިން ޝަހީދުވި ކަމަށް ރެކޯޑުތައް ބުނެއެވެ.
ކޮމެންޓު ފޮނުވާ