މާދަމާ ޖުމްހޫރީ މައިދާނުގައި ސިފައިންގެ ހަރަކާތްތައް ކުރިޔަށް ދާނެ

މާދަމާ ޖުމްހޫރީ މައިދާނުގައި ސިފައިންގެ ހަރަކާތްތައް ކުރިޔަށް ދާނެ

Author
ހުސައިން
02 ނޮވެމްބަރ 2025 03:06
0

މިއަހަރުގެ ނަޞްރުގެ ދުވަހާ ގުޅުވައިގެން ގައުމީ ދިފާޢީ ބާރުން ބާއްވާ ހަރަކާތްތައް މާދަމާ ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި ފަށަން ހަމަޖެހިފައިވާއިރު، ޢާންމުންނަށް މައިދާން ހުޅުވާލެވޭނީ 15:30 ގައެވެ. ސިފައިން އަސްކަރީ ގޮތުން ތައްޔާރުވެފައި ތިބި މިންވަރު ރައްޔިތުންނަށް ދައްކާލުމަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ރާއްޖެއަށް ކުރިމަތިވެދާނެ ނިރުބަވެރި ހަމަލާއެއް ނާކާމިޔާބުކޮށްލުމަށް ދިވެހި އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަނެއްގެ ޑެމޮންސްޓްރޭޝަން ދައްކުވައިދޭނެއެވެ.

މިދިޔަ އަހަރާ ޚިލާފަށް މި އަހަރު ސިފައިން ބޭނުންކުރާ އުޅަނދާއި ތަފާތު އާލާތްތައް އޮޕަރޭޝަނެއްގައި ބޭނުންކުރެވޭ ގޮތް ރައްޔިތުންނަށް ދައްކާލެވޭނެކަމަށް ގައުމީ ދިފާޢީ ބާރުން ބުނެއެވެ. މީގެ އިތުރުން ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެންބަރު 3 ވަނަ ދުވަހު ހެނދުނު 9:00 ގައި ޒުވާނުންގެ މަރުކަޒުގައި ބާއްވަން ހަމަޖެހިފައިވާއިރު، ޖަމާޢަތުގައި ސިފައިން ފަތިސް ނަމާދުކުރުމާއި ޝަހީދުންގެ ހަނދާނީ ބިނާގައި ދިދަ މައުންޓްކުރުން އޮންނާނެއެވެ. އަދި ރަސްމީ ޖަލްސާގައި ޝަހީދު ކޯޕަރަލް ޢަބްދުލް ޒުހައިރު ނިޔާވި ހާދިސާ ދައްކުވައިދޭ މިއުޒިކަލް ޑިސްޕްލޭއެއް ވެސް ދައްކުވައިދޭނެއެވެ.

ގދ. ތިނަދޫ ސިޓީގައި މި މަހުގެ 7 އަދި 8 ވަނަ ދުވަހު ސިފައިންގެ މައުރަޒެއް ބާއްވައި، 8 ވަނަ ދުވަހު ތިނަދޫ ސްޓޭޑިއަމްގައި ސިފައިންގެ ހަރަކާތްތަކެއް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނަޞްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ބޭރުގެ ނިރުބަވެރިންނާއި ދިވެހި ޚާއިނުން ދިން ހަމަލާއިން ރާއްޖެއަށް ނަޞްރު ލިބުނު ދުވަހެވެ. އެ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.