2007 ވަނަ އަހަރުން ފެށިގެން އުފަންވި ކުދިންނަށް ދުންފަތް ބޭނުންކުރުން މިއަދުން ފެށިގެން ޤާނޫނީގޮތުން މަނާވުމާ ގުޅިގެން، މިއީ އަންނަން އޮތް ޖީލުތަކުގެ ސިއްޙަތަށް އެޅުނު ބާރުގަދަ ފިޔަވަޅެއް ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ވިދާޅުވީ، މިއަދު ރާއްޖެއިން ދުނިޔެއަށް ދެއްކި މިސާލަކީ ދުންފަތުން ސަލާމަތްވެފައިވާ ރާއްޖެއަކަށް ވާސިލުވުމަށް އެޅޭ ވަރަށް މުހިންމު ވިޔަވަޅެއް ކަމަށެވެ. ސިއްޙީ ދާއިރާގައި ވަކާލާތުކުރާ ފަރާތެއްގެ ހައިސިއްޔަތުން، އަންނަން އޮތް ޖީލުތަކުގެ ދުޅަހެޔޮކަމަށް ސަރުކާރުން އިސްނަގައި އެޅި މި ފިޔަވަޅަށް ފަސްޓް ލޭޑީ ވަނީ ތަޢުރީފުކުރައްވައިފައެވެ.
"މިއީ ދެވިހިފައިފައިވާ އާދަ ނައްތާލައި، ބަލިތައް ދުރުކުރުމަށްޓަކައި އެޅުނު ހިތްވަރުގަދަ އަދި ހެކިތަކަށް ބިނާކުރެވިފައިވާ ފިޔަވަޅެކެވެ. އަޅުގަނޑުމެން މި ކަށަވަރުކުރަނީ އަޅުގަނޑުމެންގެ ޒުވާނުންނަށްޓަކައި ޞިއްޙަތު ރަނގަޅު، ފުރިހަމަ މުސްތަޤްބަލެކެވެ. މިއީ ރާއްޖެއަށް ފަޚުރުވެރި ވަގުތުކޮޅެކެވެ،" ފަސްޓް ލޭޑީ ވިދާޅުވިއެވެ.
މިއަދު ތަންފީޒުކުރަން ފެށި ޖެނަރޭޝަނަލް ބޭންގެ ދަށުން، 2007 ވަނަ އަހަރުގެ ޖެނުއަރީ 1 ން ފެށިގެން އުފަންވި ހުރިހާ ފަރާތްތަކަށާއި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތު ބޭނުންކުރުމާއި ގަނެވިއްކުން މަނާވެގެންދާނެއެވެ. ރައީސް ވަނީ މިއީ ދިވެހި ދައުލަތުން ދުންފަތާ ދެކޮޅަށް އެޅި އެންމެ ހަރުކަށި ފިޔަވަޅު ކަމަށް ވިދާޅުވެ، މި ޖީލު ބޮޑުވެ ހަރުމީހުންނަށް ވާއިރު މުޅި މުޖުތަމަޢަކީ ދުންފަތުގެ ނުރައްކަލުން ސަލާމަތްވެފައިވާ މުޖުތަމަޢަކަށް ވާނެކަމަށް ފާހަގަކުރައްވައިފައެވެ.
ކޮމެންޓު ފޮނުވާ