ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވަޤުފު މަޝްރޫޢުތައް ތަރައްޤީކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ބޭންކް އޮފް މޯލްޑިވްސް އާ ދެމެދު މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފެވެ.
މި ފަހުމުނާމާގެ ދަށުން ބީއެމްއެލް އިސްލާމިކް އިން ވަޤުފު އިމާރާތްތައް ތަރައްޤީކުރުމަށްޓަކައި އިސްލާމީ އުޞޫލްތަކުގެ ދަށުން 350 މިލިޔަން ރުފިޔާގެ ލޯން ދިނުމަށް ނިންމާފައިވެއެވެ. ވަޒީރު ވިދާޅުވީ މި މަޝްރޫޢުތައް ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށް ލަނޑުދަނޑިވެފައިވާކަމަށެވެ.
މި އެހީތެރިކަމުގެ ތެރެއިން ހުޅުމާލޭގައި 12 ފަންގިފިލާއިން ތަރައްޤީކުރާ "ދާރުލްސަލާމް" އަދި މާލޭގައި 12 ފަންގިފިލާއިން ތަރައްޤީކުރާ "ދާރުލްއަރްޤަމް" މަޝްރޫޢުތައް ހިނގާނެއެވެ. މީގެ އިތުރުން މާލޭގައި ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފް އިމާރާތެއް އެޅުމަށާއި އައްޑޫ، ފުވައްމުލައް، ތިނަދޫ، ކުޅުދުއްފުށި އަދި ގއ. ވިލިނގިލީގައި ވަޤުފް މަޝްރޫޢު ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. ބީއެމްއެލް ސީއީއޯ ވިދާޅުވީ ދީނީ ކަންތައްތައް ކުރިއެރުވުމަށް ދެމެހެއްޓެނިވިގޮތަށް އާމްދަނީ ލިބޭނެ ވަޞީލަތްތައް ޤާއިމްކުރުމަކީ މުހިއްމުކަމެއްކަމަށެވެ.
ކޮމެންޓު ފޮނުވާ