ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުން ހިލާފުވެ ޣައްޒާއަށް އިސްރާއީލުން ހަމލާދީ 63 މީހުން ޝަހީދު ކޮށްލައިފި

ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުން ހިލާފުވެ ޣައްޒާއަށް އިސްރާއީލުން ހަމލާދީ 63 މީހުން ޝަހީދު ކޮށްލައިފި

Author
ހުސައިން
29 އޮކްޓޯބަރ 2025 09:15
0

ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމާއި ހިލާފުވެ އިސްރާއީލުން ޣައްޒާއަށް ރޭ ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 63 މީހަކު ޝަހީދުވެ، އެތައް ސަތޭކަ މީހަކު ޒަހަމްވެފައިވާކަމަށް ޣައްޒާގެ ހަބަރުތައް ގެނެސްދޭ ގުދުސް ނިއުސް ނެޓްވޯކުން ރިޕޯޓުކޮށްފިއެވެ.

ޣައްޒާ ގަޑިން ރޭގެ އިރުކޮޅު ފެށިގެން އިސްރާއީލުން ވަނީ ޣައްޒާގެ އުތުރުން ޚާން ޔޫނުސްގެ ސަރަހައްދަށް އަމާޒުކޮށްގެން ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ. ޝަހީދުވި 63 މީހުންގެ ތެރޭގައި 24 ކުޑަކުދިން ހިމެނޭއިރު، އަލް ޝިފާ ހޮސްޕިޓަލާއި ގާތުގައި ހުންނަ ސަރަހައްދުތަކާއި އަލް ނުސީރަތު ރެފިއުޖީ ކޭމްޕަށް ދިން މިސައިލް ހަމަލާތަކުގައި ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ނުސީރަތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި އެއް އާއިލާއަކުން ގިނަ ބަޔަކު ޝަހީދުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާ، ގަތަރު އަދި މިސްރު އިސްވެ މަސައްކަތްކޮށްގެން މިމަހުގެ ކުރީކޮޅު ޣައްޒާގައި ދެ އަހަރު ދުވަހު ދެމިތިބި ހަނގުރާމަ ހުއްޓުމަށް އެއްބަސްވުމަކަށް އައުމުން ވެސް އިސްރާއީލުން އެ އެއްބަސްވުމާއި ހިލާފުވާނެކަމަށް މާހިރުން ވަނީ ބުނަމުން ގެންގޮސްފަ އެވެ. އިސްރާއީލުން ބުނާ ގޮތުގައި ރަފާހްގައި ހަމާސްއާއި އިސްރާއީލު ސިފައިންނާއި ދެމެދު ހަމަލާބަދަލު ހިނގި ކަމަށާއި، ޔަހޫދީ ސިފައިން ޒަހަމްވުމުން މި ހަމަލާތައް ދޭން ފެށީ ކަމަށެވެ. ނަމަވެސް ހަމާސްއިން މިކަން ދޮގުކޮށް، ރަފާހްގައި އެއްވެސް އޮޕަރޭޝަނެއް ހިންގާފައި ނުވާކަމަށް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.