ދުނިޔޭގެ މަޝްހޫރު މިއުޒިއަމްތަކުގެ ތެރެއިން ފަރަންސޭސިވިލާތުގެ ޕެރިހުގައިވާ ލޫވްރް މިއުޒިއަމުން 88 މިލިއަން ޔޫރޯ (102 މިލިއަން ޑޮލަރު) އަގުހުރި ތާރީޚީ ޖަވާހިރުތަކެއް ވަގަށް ނެގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ އާދީއްތަ ދުވަހު ހެނދުނު މިއުޒިއަމް ހުޅުވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ހަތިޔާރާއެކު ހަތަރު ވަގުން ވަނީ މިއުޒިއަމަށް ވަދެފައެވެ. އެމީހުން ވެހިކަލެއްގައި ހަރުކޮށްފައިވާ މެކޭނިކަލް ލިފްޓެއް ބޭނުންކޮށްގެން ފުރަތަމަ ފްލޯގެ ބެލްކަންޏަކަށް އަރައި، ކުޑަދޮރެއް ކަފާލައިގެން އެތެރެއަށް ވަދެ ގާޑުންނަށް ބިރުދައްކައި ޑިސްޕްލޭ ކޭހުގެ ބިއްލޫރި ތަޅާލައިގެން ޖަވާހިރުތައް ވަގަށް ނަގާފައިވެއެވެ. މި ހުރިހާ ކަމެއް ހިނގާފައިވަނީ އެންމެ ހަތަރު މިނެޓުގެ ތެރޭގައި ކަމަށާއި، އޭގެ ފަހުން ވަގުން ދެ ސްކޫޓަރުގައި ފިލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ވަގުން ދޫކޮށްގޮސްފައިވާ ތަކެތީގެ ޑީއެންއޭ އެވިޑެންސްގެ އެހީގައި ފުލުހުންނަށް ވަގުންގެ ތެރެއިން އެކަކު ދެނެގަނެވުނެވެ. ހައްޔަރުކޮށްފައިވާ ދެ މީހުންގެ ތެރެއިން އެކަކު އަތުލައިގަނެފައިވަނީ އަލްޖީރިއާއަށް ދާން އުޅުނު އިރު ޝާރލް ޑި ގޯލް އެއާޕޯޓުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ވަގަށް ނަގާފައިވާ އަގުބޮޑު ތަކެތީގެ ތެރޭގައި ނަޕޯލިއަން ތިންވަނައިގެ އަނބިކަނބަލުން އެމްޕްރެސް ޔޫޖީނީގެ ތާޖާއި ނެކްލެސްތަކާއި ކަންފަތުމުދިތައް ހިމެނެއެވެ. މާހިރުން ބުނާ ގޮތުގައި މިފަދަ ތާރީޚީ ޖަވާހިރުތައް ކުދިކުދި ކޮށް ރަނާއި ރިހި ވިރުވާލައިގެން އަލުން ވިއްކާލުމުގެ ފުރުސަތު އޮތުމުން އެތަކެތި އަލުން ހޯދުމަކީ އުނދަގޫ ކަމެކެވެ.
މި ހާދިސާއާ ގުޅިގެން ފަރަންސޭސި ޖަސްޓިސް މިނިސްޓަރު ވަނީ ސަލާމަތީ ކަންކަން ފެއިލްވެފައިވާ ކަމަށް އެއްބަސްވެ މިއީ ޤައުމަށް "ބޮޑު ލަދެއް" ކަމަށް ސިފަކުރައްވާފައެވެ. ވައްކަން ހިނގި ސަރަޙައްދުގެ ކޮންމެ ތިން ކޮޓަރިއަކުން އެއް ކޮޓަރީގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި ނުވާކަން ފާހަގަކުރެވިފައިވާއިރު، ލޫވްރް މިއުޒިއަމުން ވަނީ އެންމެ އަގުބޮޑު ބައެއް ޖަވާހިރުތައް ވަގުތީ ގޮތުން ބޭންކް އޮފް ފްރާންސްގެ ވޯލްޓަށް ބަދަލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ