ވަކީލުކަމުގެ ލައިސަންސް އަލަށް ލިބުނު މީހުން ހުވާކުރުމަށް އިސްލާމިކް ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ، ހައްގުތައް އޭގެ ވެރިފަރާތްތަކަށް ހޯދައިދިނުމުގެ ބޮޑު ޒިންމާ ފަނޑިޔާރުންނެކޭ އެއްފަދައިން ވަކީލުންގެ ބޮލުގައި ވެސް އޮންނާނެ ކަމަށެވެ.
ގާނޫނީ ދާއިރާގެ އެންމެ މުހިންމު ދެ ބައިވެރިންކަމަށްވާ ފަނޑިޔާރުންނާއި ވަކީލުން އަދުލު އިންސާފު ޤާއިމުކުރުމުގެ އިންސާފުގެ ދަތުރުގައި ބައިވެރިވާ ފަރާތްތަކަށްވާތީ، އެއް މިސްރާބަކަށް މަސައްކަތްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އުއްތަމަފަނޑިޔާރު އިތުރަށް ވިދާޅުވީ، ލޯ ޑިގްރީއާއި ބާ އެގްޒާމުން ފާސްވުމަކީ ހަމައެކަނި ފެށުން ކަމަށާއި، ދަތުރުގެ އުނދަގޫ ބައި އަދި ކުރިއަށް އޮތް ކަމަށެވެ.
އާ ވަކީލުންނަށް އިރުޝާދު ދެއްވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ، ގާނޫނީ ޢިލްމުގެ ތެރެއަށް ފީނައި، އެންމެ ޝައުޤުވެރިވާ ދާއިރާއަކަށް ޚާއްސަވެ އެ ދާއިރާ ދިރާސާކުރުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށެވެ. އެކި ދާއިރާތަކަށް ވަނުމަށް މަސައްކަތް ކުރުމަކީ މަސައްކަތަށް ރަނގަޅަށް ތައްޔާރު ނުވެވޭނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ