ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެމްބަރު ޙުސައިން ރިޒާ އަދާމް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.
މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އެކޮމިޝަންގައި ހުންނެވި ރިޒާ އިސްތިއުފާ ދެއްވާފައިވާއިރު، ރިޒާގެ އިސްތިއުފާދެއްވި ސަބަބެއް އަދި ސާފެއްނުވެއެވެ.
ރިޒާ ޖޭއެސްސީން އިސްތިއުފާދެއްވުމާ އެކު، އޭނާ ހުންނެވި އެކޮމިޝަންގެ ރައީސްކަމުގެ މަގާމު ވެސް ވަނީ ހުސްވެފައެވެ. ރިޒާ ޖޭއެސްސީގެ ރައީސްކަމަށް އިންތިޚާބުކުރެވުނީ 12 ޖޫން 2024 ގައެވެ.
ގާނޫނު އަސާސީގެ ދަށުން ޖޭއެސްސީ އެކުލެވިގެންވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސާ އެކު އިތުރު އެއް މެމްބަރަކު މަޖިލީހުން ކަނޑައަޅައި، ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ތިއްބަވާނެއެވެ. މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރުގެ ގޮތުގައި ރިޒާ އައްޔަންކުރަން ފާސްކުރީ 3 ޖޫން 2024 ގައެވެ. އަދި އޭނާ އެކޮމިޝަނަށް ރަސްމީކޮށް ޢައްޔަނުކުރީ 4 ޖޫން 2024 ގައެވެ.
ރިޒާ ވަނީ ކުރިން ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާގެ މަގާމުގެ ވެސް ފުރުއްވާފައެވެ. އަދި އޭނާ އަކީ ގާނޫނީ ދާއިރާއިން ތައުލީމު ހާސިލް ކުރައްވައި ޝަރީއާއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
މިހާރު ޖޭއެސްސީގައި ތިއްބެވި މެންބަރުންނަކީ އެ ކޮމިޝަނުގެ ނައިބު ރައީސް ޔަޒްމީދު މުޙައްމަދާއި، ކޮމިޝަންގެ މެންބަރުކަމުގައިވާ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (ރައްޔިތުންގެ މަޖިލީހުގެ ރައީސް) ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު، ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒް، ދަށު ކޯޓުގެ ފަނޑިޔާރު ފަރުހާދު ރަޝީދު، އާންމުންގެ ފަރާތުން އިދްރީސް ފައުޒީ، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުޙައްމަދު މުޖްތާޒް، ބަންޑާރަނައިބު އަހުމަދު އުޝާމް އަދި ގާނޫނީ ވަކީލުންގެ ފަރާތުން ޢަލީ ޢަބްދުއްލަޠީފެވެ.
ކޮމެންޓު ފޮނުވާ