ޤައުމު ބިނާކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށާއި ރާއްޖޭގެ ތަޢުލީމީ ތާރީޚުގައި އަމިއްލަ ފަރާތްތަކުން މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކްލިކް ކޮލެޖްގެ ރިހިޔޫބީލް ފާހަގަކުރުމަށް ރޭ މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ ތަޢުލީމީ ނިޒާމުގައި ޞިއްޙަތު، އައު ވިސްނުންތަކާއި ހުނަރުވެރިކަމަށް އިސްކަންދޭން ޖެހޭ ކަމަށެވެ. އުފެއްދުންތެރިކަމާއި ވިޔަފާރި، ސިޔާސަތު ފަދަ ދާއިރާތަކުން ދަރިވަރުން ތަމްރީނުކުރެވެނީ ޤައުމުގެ މުސްތަޤުބަލު ބިނާކުރުމަށް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
އަޚުލާޤު ރަނގަޅު، ހަރުދަނާ އަދި ޒިންމާދާރު ޖީލެއް އުފެއްދުމަކީ ޤައުމަށް ކުރިއެރުން ގެނެސްދޭނެ ކަމެއް ކަމަށާއި އެ ޖީލުގެ ސަބަބުން އަމާންކަމާއި ރައްކާތެރިކަން ޔަގީންކުރެވޭނެ ކަމަށް ސާޖިދާ ވިދާޅުވިއެވެ. ރާއްޖޭގައި އަމިއްލަ ފަރާތްތަކާއި ސަރުކާރުން ދެމުން ގެންދާ ތަޢުލީމުގައި މި މުހިންމު އަސާސްތައް ދެމެހެއްޓިފައިވާ މަންޒަރު ފެންނަ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ކްލިކް ކޮލެޖުން ދެއްވި އެއްލައްކަ ރުފިޔާގެ ޚާއްޞަ ސްކޮލަޝިޕް ލިބިވަޑައިގެންނެވި ފަރާތަށް އިނާމު ހަވާލުކުރައްވައި، ދިގު މުއްދަތަށް ކޮލެޖްގައި ޚިދުމަތް ކުރާ މުވައްޒަފުންނަށް ޚާއްޞަ އިނާމުތައް ވަނީ ތަޤްދީރުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ