މިއަހަރުގެ ޖަނަވަރީއިން ފެށިގެން އޮކްޓޫބަރު 16 ވަނަ ދުވަހުގެ ނިޔަލަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް 1.6 ބިލިޔަން ރުފިޔާ ޖަމާކޮށްފައިވާކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި އެސްޑީއެފްއަށް ޖަމާކުރި 1.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 45 އިންސައްތަ އިތުރު އަދަދެކެވެ.
މާލީ ވުޒާރާގެ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ފާހަގަކުރެވިފައިވާ ގޮތުގައި، ސޮވަރިން ފަންޑަށް ފައިސާ ޖަމާވަމުން އަންނައިރު ދަރަނި ދެއްކުމުގެ ޚަރަދުވެސް ވަނީ އިތުރުވެފައެވެ. އަހަރުގެ މިހާތަނަށް ލޯނު ދެއްކުމަށް 4.4 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ޚަރަދުކުރި 2.0 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 120 އިންސައްތަ އިތުރު އަދަދެކެވެ.
2016 ވަނަ އަހަރު އުފެއްދި ސޮވަރިން ފަންޑަކީ ކުއްލި ހާލަތްތަކާއި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ނަގާ ލޯނު ދެއްކުމަށާއި އިޤްތިޞާދަށް އަންނަ ލޮޅުންތަކުން ރައްކާތެރިވުމަށް ސަރުކާރުން ބެލެހެއްޓޭ ފަންޑެކެވެ. މި ފަންޑަށް ފައިސާ ޖަމާކުރަނީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީއާއި، އެމްއޭސީއެލްގެ ޑިވިޑެންޑް އަދި އެއާޕޯޓް ޚިދުމަތްތަކުގެ ފީތަކުން ލިބޭ އިތުރު އާމްދަނީންނެވެ.
ކޮމެންޓު ފޮނުވާ