ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސް ކަމުން ވަކިވުމާ ގުޅިގެން، އެ މަގާމަށް މިއަދު ޔަޒްމީދު މުހައްމަދު އައްޔަންކޮށްފިއެވެ.
ރައީސް މުހައްމަދު މުއިއްޒު ކޮމިޝަނުގައި ތަމްސީލްކުރައްވާ މެންބަރަކަށް ހުންނެވި ޔަޒްމީދަށް މި މަގާމު ދެއްވީ، ފަނޑިޔާރު ނިޔާޒް އިއްޔެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނިޔާޒް އިސްތިއުފާ ދެއްވި ސަބަބެއް އަދި ހާމައެއް ނުވެއެވެ. އެހެން ނަމަވެސް އެމަނިކުފާނު އަދިވެސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުންނަވައެވެ.
ކޮމިޝަނުގެ ބައްދަލުވުމަކުން ޔަޒްމީދަށް ނައިބު ރައީސްކަން ދިނުމަށް ނިންމާފައިވާ ކަމަށް އެނގިފައިވާއިރު، ކޮމިޝަނުގެ ވެބްސައިޓްގައިވެސް މިހާރު އެކަން ފެންނަން ހުރެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ޕާޓީން ވަކިކޮށްގެން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް، ދެ ފަނޑިޔާރަކު ވަކިކުރި މައްސަލާގައި ނިޔާޒް ވޯޓު ދެއްވީ ފަނޑިޔާރުންނާ އެއްކޮޅަށް ކަމެވެ. އެ ފަނޑިޔާރުން ސަސްޕެންޑްކުރީ ކޮމިޝަނަށް ޔަޒްމީދު އައްޔަންކުރުމަށްފަހުގައެވެ. މީގެ ކުރިން ރައީސް މުއިއްޒު ތަމްސީލްކުރައްވާ މެންބަރަކަށް ހުންނެވީ ވަކީލު މުހައްމަދު ސަމީރެވެ.
ކޮމެންޓު ފޮނުވާ