ހުޅުމާލޭ ފޭސް ދޭގައި އިމާރާތްކުރަމުން އަންނަ ޝަހީދު އަލީ ސްކޫލަށް ދަރިވަރުން ވައްދައިގަތުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ. މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި ގްރޭޑް 1 އިން 10 އަށް ދަރިވަރުން ވައްދަން މިހާރު ފޯމް ހުށަހެޅޭނެއެވެ. ރާއްޖޭގެ ހުރިހާ ސްކޫލަކުން ވެސް ދަރިވަރުން ވައްދައިގަތުމަށް އެދޭނެ ކަމަށާއި، މިކަމަށް ދަރިވަރަކު ކިޔަވަމުން އަންނަ ސްކޫލުން ފޯމް ހުށަހެޅުން ޖެހޭނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
2023 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން އިމާރާތްކުރަމުން އަންނަ މި ސްކޫލަކީ 1500 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ. 54 ކްލާސްރޫމްގެ ވަށައިގެންވާ މި ސްކޫލް ކުރިއަށްއޮތް ދިރާސީ އަހަރުން ފަށައިގެން ހިންގުމަށް ވަނީ ތައްޔާރުވަމުންނެވެ. ތައުލީމީ ވަޒީރު ޑރ.އިސްމާއިލް ޝަފީއު ވަނީ މި ސްކޫލަށް ވަރަށް ބޮޑު ޑިމާންޑެއް އޮތްކަމަށާއި، ފޭސް ދޭގައި އުޅޭ ހުރިހާ ކުދިންނަށް ވެސް މި ސްކޫލުން ޖާގަ ލިބޭނެކަމަށް ވިދާޅުވެފައެވެ.
ހުޅުމާލޭ ފޭސް ދޭގައި ދާއިމީ ގޮތުން ހިންގަމުން އަންނަ ސްކޫލަކީ ސަލާހުއްދީން ސްކޫލް އެކަންޏެވެ. މިހާރު ފޭސް ދޭގެ 900 އެއްހާ ކުދިން މާލެއަށް ކިޔަވަންދާއިރު، ޝަހީދު އަލީ ސްކޫލް ހުޅުވުމުން މި މައްސަލައަށް ބޮޑު ލުޔެއް ލިބޭނެކަމަށް އަންދާޒާކުރެވެއެވެ.
ކޮމެންޓު ފޮނުވާ