ޤާނޫނާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހޯދި ތިން މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ސްޓިކްސް މިއަދު ކަސްޓަމްސްއިން ނައްތާލައިފިއެވެ. މި ތަކެތި ނައްތާލާފައިވަނީ ކ. ދޫނިދޫގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި ނައްތާލެވުނު ތަކެތީގެ ތެރޭގައި 3,183,040 ސިނގިރޭޓް ސްޓިކްސް ހިމެނެއެވެ. މިއީ ޖުމްލަ 199 ކޭސް ސިނގިރޭޓެވެ. މި ސިނގިރޭޓްތަކަކީ ކަސްޓަމްސްގެ ބަލައި ފާސްކުރުމުގެ ތެރެއިން ހޯދިފައިވާ ތަކެއްޗެވެ.
ފާއިތުވި އަހަރުތަކުގައި ސަރުކާރުން ސިނގިރޭޓްގެ އިމްޕޯޓް ޑިއުޓީ މަތިކުރުމާ ގުޅިގެން ވަގަށް ސިނގިރޭޓް އެތެރެކުރާ މައްސަލަތައް އިތުރުވެފައިވާތީ، ބަނދަރުތަކުގައި ސެކިއުރިޓީ ހަރުދަނާކޮށް ބަލައި ފާސްކުރުންތައް އިތުރުކޮށްފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ. މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށް އެ އިދާރާއިން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ހާމަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ