ވަކިން އޮންނަން އުޅުމުގެ ބަދަލުގައި ގުޅިގެން ތަރައްގީއަށް މަސައްކަތްކުރުމަށް ޑރ. ހަސަން ސައީދުގެ ގޮވާލައްވައިފި

ވަކިން އޮންނަން އުޅުމުގެ ބަދަލުގައި ގުޅިގެން ތަރައްގީއަށް މަސައްކަތްކުރުމަށް ޑރ. ހަސަން ސައީދުގެ ގޮވާލައްވައިފި

Author
ހުސައިން
19 އޮކްޓޯބަރ 2025 10:48
0

އައްޑު އަތޮޅުގެ ފޭދޫ ހިމެނޭހެން ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމުގެ ބަދަލުގައި އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށް ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދު ފޭދޫ ރައްޔިތުންނަށް ގޮވާލައްވައިފި އެވެ. އަންނަ ހޮނިހިރު ދުވަހު ފޭދޫ، ހުޅުދު އަދި މީދޫގައި ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން، ފޭދޫ ރައްޔިތުންނަށް ދިގު ސިޓީއެއް ހިއްސާކުރައްވަމުން ހަސަން ސައީދު ވިދާޅުވީ މިވަގުތު އައްޑޫގައި އަމިއްލަ ފަރާތްތަކުން ހިންގާ އެންމެ ބޮޑު ޓޫރިޒަމް މަޝްރޫއު ކުރިއަށް ދަނީ އޭނާގެ އިސްނެގުމުގެ ދަށުން ކަމަށާއި، ފޭދޫ އަދި މީދު ހިތަދޫގެ ޓޫރިޒަމް ޒޯނުތަކުގައި 1000 ޓޫރިސްޓު އެނދު އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ރަށާއި ސިޓީ ކައުންސިލްގެ އިހްތިސާސާއި އިދާރީ އޮނިގަނޑު ބަދަލުކުރުމުގެ ވޯޓުން ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި 200 މިލިއަން ރުފިޔާގެ ލޯނު ހުއްޓުން، ސާވިސް އައިލެންޑުގެ ގޮތުގައި ސަވާހިލި ކުރިއަށް ނުދިއުން، ޓޫރިޒަމް ޒޯނުގެ ފެނާއި ނަރުދަމާގެ މައްސަލަތައް، އިންފާރު މަޝްރޫއު މެދުކެނޑުން، އަދި ކުއްޔަށް ދީފައިވާ ޓޫރިޒަމް ބިންތަކުގެ އިހްތިސާސް ސިޓީ ކައުންސިލްގައި އޮތުމުން އާ އެއްބަސްވުންތަކެއް ހަދަން ގިނަ ވަގުތު ހޭދަވުން ފަދަ ކަންކަން ހިމެނެ އެވެ. އޭގެ އިތުރުން ފޭދޫ ޓޫރިޒަމް ޒޯނާއި ސަވާހިލީގައި ބީޗު ތަރައްގީކުރަން ހެދި އީއައިއޭ ރިޕޯޓު ބަދަލުކުރަން ޖެހުމާއި، އިންވެސްޓަރުންގެ އިތުބާރު ގެއްލުން ވެސް ހިމެނެ އެވެ.

އަތޮޅުގެ ތަރައްގީއަށް ބޮޑެތި ގުރުބާނީތަކެއް ވަމުން އަންނައިރު، ގުޅިގެން ހައްލު ހޯދުމުގެ ބަދަލުގައި އަވަށާއި މީހުން ޖެހި، ޒުވާބުކޮށް، މާރާމާރީ ހިންގަން އުޅުމުން ކަންބޮޑުވުން ފާޅުކުރައްވައި، ހަސަން ވިދާޅުވީ ބައިބައިވުމަށް ހޭދަކުރާ ވަގުތާއި ފައިސާ އާއި ހަކަތަ ބިނާކުރަނިވި ކަންކަމަށް ހޭދަކުރަން ޖެހޭ ކަމަށެވެ. މި މަހުގެ ފަހުކޮޅު ރައީސް މުއިއްޒު އަތޮޅަށް ކުރައްވާ ޒިޔާރަތުގައި ބަންދުކޮށްފައި ހުރި ރިސޯޓުތައް ހުޅުވުމާއި، ގެސްޓުހައުސްތަކަށް ލޯނު އަވަސްކޮށްދިނުމާއި، ސަވާހިލި ސާވިސް އައިލެންޑަކަށް ހަދައި، ބޭރުން ގަމަށް ފްލައިޓް ގެނައުމަށް ސިޔާސީ، ވަތަނީ، ޒާތީ ތައައްސުބު އެއްކިބާކޮށް، މަސައްކަތްކުރަން އޭނާ ގޮވާލެއްވި އެވެ. އައްޑޫގެ ލާމަރުކަޒީ ހިންގުން މިހާރު އޮންނަނީ މުޅި އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގާ ގޮތަށް ކަމަށްވާއިރު، މި މަހުގެ 25 ގައި ނަގާ ވޯޓަކީ ރާއްޖޭގައި ހިޔާލު ހޯދުމުގެ ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ވޯޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.