ކިހާދުއްފަރު ރިސޯޓް އަތުލުމުގެ ނޯޓިސް ތަންފީޒުކުރުން ކޯޓުން މަޑުޖައްސައިފި

ކިހާދުއްފަރު ރިސޯޓް އަތުލުމުގެ ނޯޓިސް ތަންފީޒުކުރުން ކޯޓުން މަޑުޖައްސައިފި

Author
ހުސައިން
19 އޮކްޓޯބަރ 2025 03:21
0

ބ. ކިހާދުއްފަރު ރިސޯޓްގެ އެއްބަސްވުން ބާތިލްކޮށް ސަރުކާރަށް އަނބުރާ ނެގުމަށް ޓޫރިޒަމް މިނިސްޓްރީން ފޮނުވި ނޯޓިސް ތަންފީޒުކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

އަތަމާ މެރިން އިންޓަނޭޝަނަލަށް ކުއްޔަށް ދީފައިވާ ކިހާދުއްފަރު ރިސޯޓް ހިންގަމުންދަނީ ޓޫރިޒަމް ގާނޫނާއި މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް ކަމަށް ބުނެ، އެ ރިސޯޓް އަތުލަން މި މަހުގެ ނުވަވަނަ ދުވަހު މިނިސްޓްރީން ނޯޓިސް ފޮނުވިއެވެ. އެ ނޯޓިސްގައި ބުނީ ހަތް ދުވަސް ފަހުން އެއްބަސްވުން ބާތިލްވާނެ ކަމަށެވެ.

ރިސޯޓް ހިންގުމަށް ދީފައިވާ ވަގުތީ އޮޕަރޭޓިން ލައިސަންސްގެ މުއްދަތު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ހަމަވިއިރު، ކަންކަން ރަނގަޅު ކޮށްފައި ނުވާތީ އެއްބަސްވުން ބާތިލްކުރަން މިނިސްޓްރީން ނިންމިއެވެ.

ނަމަވެސް، އެ ނޯޓިހަކީ އެއްބަސްވުމާ ހިލާފަށް ފޮނުވި ނޯޓިހެއް ކަމަށް އަތަމާ ކުންފުނިން ބުނެއެވެ. މިނިސްޓްރީން ފޮނުވި ނޯޓިހާ ގުޅިގެން އިސްލާހު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ރިސޯޓް ބަންދުކޮށްގެން ކުރަމުންދަނިކޮށް، އުސޫލާ ހިލާފަށް އެއްބަސްވުން ބާތިލްކުރަން މިނިސްޓްރީން ނިންމީ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި، މިނިސްޓްރީން ފޮނުވި ނޯޓިހަށް އަމަލުކުރުން ފަސްކޮށް، އެ ނޯޓިސް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް އަންގާފައިވެއެވެ. އަދި ތިން ވަނަ ފަރާތެއްގެ ހައްގު އުފަންވެދާނެ ކަމެއް ނުކުރުމަށް ވެސް އެ އަމުރުގައި ބުނެފައިވެއެވެ. 14 ދުވަހުގެ ތެރޭގައި މައްސަލައިގެ ދައުވާ އަތަމާއިން ކޯޓަށް ހުށަހަޅަން ޖެހެއެވެ.

ކިހާދުއްފަރު ރިސޯޓް ހިންގާ ގޮތަށް ސަރުކާރު ހިތްހަމަޖެހިފައި ނުވާއިރު، އޭގެކުރިން ވެސް މި ރިސޯޓް ސަރުކާރަށް ނެގުމުގެ މަސައްކަތް ކޮށްފައިވެއެވެ. ކުންފުނި ރަށުން ފޭބުމަށާއި 1.4 މިލިއަން ޑޮލަރު ދެއްކުމަށް ސިވިލް ކޯޓާއި ހައި ކޯޓުން ހުކުމް ކުރިނަމަވެސް، އެ ހުކުމް ތަންފީޒުކުރުން ސުޕްރީމް ކޯޓުން މަޑުޖައްސާލިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.