ދިގަލިއާއި އާއްޓޭއަށް ކުރަނީ ވަގު ސިރެޓަށް ފަންޑު ކުރިކަމުގެ ތުހުމަތު!

ދިގަލިއާއި އާއްޓޭއަށް ކުރަނީ ވަގު ސިރެޓަށް ފަންޑު ކުރިކަމުގެ ތުހުމަތު!

Author
ހުސައިން
16 އޮކްޓޯބަރ 2025 10:35
0

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފަހައްޓި 13.6 މިލިއަން ސިނގިރޭޓް އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ބަހައްޓާފައި ހުރިތަނުން ވަގަށް ނެގި މައްސަލާގައި މަޝްހޫރު ދެ ވިޔަފާރިވެރިން ހައްޔަރުކޮށް ބަންދުކޮށްފައިވާއިރު، ދެމީހުންނަށް ކުރަނީ ވަގު ސިގިރެޓަށް ފަންޑުކުރިކަމުގެ ތުހުމަތު ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ހައްޔަރުކުރީ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އެވެ. ދިގަލީގެ ބަންދަށް 10 ދުވަސް އަދި އާއްޓޭގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިއްޔެ ދީފައިވާއިރު، އެ ދެ މީހުންނަށް ވައްކަން ކުރުމަށް ފަންޑުކުރި ކަމުގެ ތުހުމަތު ކުރެވިފައިވެއެވެ.

މި މައްސަލާގައި ކަސްޓަމްސްގެ ދެ މުވައްޒަފުންވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ ހުޅުމާލޭ ޕޯޓުގެ އިސް މުވައްޒަފު ޒިވާރު އިސްމާއިލާއި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓު މުއާޒު އަލީއެވެ. މުއާޒަކީ އެކަމުގެ ކުރިން ސިނގިރޭޓް އެތެރެކުރުމުގައި ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުގައި އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ މީހެކެވެ.

ބަންދު އަމުރުތަކުގައިވާ ގޮތުން، ރާވައިގެން ގަވާއިދާ ހިލާފަށް ކޮންޓެއިނަރުތައް ވަގަށް ބޭރުކުރުމުގެ އޮޕަރޭޝަންގައި އެ ހަތަރު މީހުންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ ހެކިތައް އެބަހުއްޓެވެ. ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެއަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 1،360 ކޭސް ސިނގިރޭޓް ގެއްލުނުކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގައެވެ. މި ސިނގިރޭޓަށް ދައްކަން ޖެހޭ ޑިއުޓީއަކީ 122 މިލިއަން ރުފިޔާއެވެ.

މި މައްސަލާގައި މިހާތަނަށް 12 މީހުންގެ ފުރުން މަނާކޮށް، އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑުކޮށްފައިވާއިރު، ކަސްޓަމްސް އިންނާއި މިފްކޯއިންވެސް ހައްޔަރުކުރި މުވައްޒަފުން ސަސްޕެންޑުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.