މައްކާގެ މަސްޖިދުލް ހަރަމްފުޅުގައި ނުވަލައްކަ މީހުންނަށް އަޅުކަންކުރެވޭނެ ސަރަހައްދެއް ތަރައްގީކުރުމުގެ މަޝްރޫޢެއް ސައުދީ އަރަބިއްޔާއިން ފަށައިފި އެވެ. އޮކްޓޯބަރު 15 ވަނަ ދުވަހު އެ މަޝްރޫޢު ފަށައިދެއްވީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނެވެ.
"ކިންގ ސަލްމާން ގޭޓް" ގެ ނަމުން ތަރައްގީކުރާ މި ސަރަހައްދުގެ ބޮޑުމިނަކީ 12 މިލިޔަން އަކަމީޓަރެވެ. އިމާރާތުގެ ތެރޭގައި އަދި ބޭރުގައި ވެސް ނަމާދުކުރެވޭނެ ގޮތަށް ތަރައްގީކުރާ މި ސަރަހައްދުގެ ސަބަބުން ހަރަމްފުޅުގެ ފަސޭހަތައް އިތުރުވެގެންދާނެ ކަމަށް މަޝްރޫޢު ކުރިއަށްގެންދާ އާރުޔޫއޭ އަލްހަރަމް އަލްމައްކީ ކޮމްޕެނީން ބުނެފައިވެ އެވެ. ނަމަވެސް މަޝްރޫޢުގެ އަގާއި ނިމޭނެ ތާރީޚެއް ހާމަކޮށްފައެއް ނުވެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު މިސްކިތުގެ ގޮތުގައިވާ މަސްޖިދުލް ހަރަމްއަކީ މުސްލިމުންގެ އެންމެ މާތް މިސްކިތެވެ. ސައުދީއިން 2030 ވަނަ އަހަރުގެ ކުރިން ހައްޖާއި އުމްރާގެ އަޅުކަމަށް އަހަރަކު 30 މިލިޔަން މީހުން ޒިޔާރަތް ކުރުމަކީ ވިޝަން 2030ގެ ދަށުން ކުރިއަށްގެންދާ މަގްސަދެކެވެ.
ކޮމެންޓު ފޮނުވާ