ހއ. ދިއްދޫގައި އަޅަން ނިންމާފައިވާ އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ށ. ކޮމަންޑޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑިސެމްބަރު މަހުގެ ދެވަނަ ހަފުތާގައި 45،000 ޓަނުގެ ޑްރެޖަރެއް ރާއްޖެ އައިސް، ދިއްދޫގެ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އެ މަސައްކަތް ގިނަވެގެން ތިން ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
އެމް.އޭ.ސީ.އެލް އިން ވަނީ ބޭރުގެ ފެންވަރު ރަނގަޅު ބޮޑެތި ޑްރެޖަރު ގެންގުޅޭ ދެ ކުންފުންޏަކާއެކު އެގްރީމެންޓް ހަދާފައެވެ. މި މަހު ނިމޭއިރު 11،000 ޓަނުގެ ޑްރެޖަރެއް ރާއްޖެ އައިސް ތ. ވިލުފުށީގެ އެއާޕޯޓުގެ މަސައްކަތް ފެށޭނެއެވެ. އަންނަ މަހުގެ 15 ނުވަތަ ތިންވަނަ ހަފުތާގައި 45،000 ޓަނުގެ ކޮޕަރ ޑްރެޖަރެއް އައިސް ރަސްމާލޭގައި މަސައްކަތް ފަށާނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ