ޔޫކޭއާއެކު އެފްޓީއޭގެ މަސައްކަތް ކުރިކަމުގެ ލިޔެކިޔުން ނެތް: ސައީދު

ޔޫކޭއާއެކު އެފްޓީއޭގެ މަސައްކަތް ކުރިކަމުގެ ލިޔެކިޔުން ނެތް: ސައީދު

Author
ހުސައިން
14 އޮކްޓޯބަރ 2025 10:47
0

ރާއްޖޭން އެކްސްޕޯޓު ކުރާ މަހުގެ ބާވަތްތަކަށް ނަގާ ޑިއުޓީ ކުޑަކުރަން އިނގިރޭސިވިލާތާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތް މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ކުރެވުނުކަމުގެ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތްކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މަހުން ނެގޭ ޑިއުޓީ އެއްކޮށް ކަނޑާލުމަށްޓަކައި ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު މަޝްވަރާކުރެވުނު ފްރީ ޓްރޭޑް އެއްބަސްވުމަށް 2025 ގައި އަމަލުކުރުމަށް އެމްޑީޕީގެ ވެރިކަމުގައި ނިންމާފައިވާކަމަށް ވިދާޅުވެ، އެ މަސައްކަތް ގޮސްފައިވާ ހިސާބު ސާފުކުރެއްވުމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލު އަހުމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން މިނިސްޓަރު ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސުވާލުގައި ވެސް ގޯސް މައުލޫމާތުތަކެއް ހުރިކަމަށާއި، ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުން 24 ޕަސެންޓުގައި ނެގެމުންދިޔަ ޑިއުޓީ 20 ޕަސެންޓަށް ކުޑަވީ އެމްޑީޕީގެ ސަރުކާރުން ކުރި މަސައްކަތަކުން ނޫންކަމަށެވެ. އެއީ ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތު ވަކިވުމަށްފަހު ހުރިހާ ގައުމުތަކަށް ވެސް ޑިއުޓީ ކުޑަކޮށް ޔޫކޭން ކަނޑައެޅި ރޭޓުކަމަށް ސައީދު ވިދާޅުވިއެވެ.

މީގެއިތުރުން، ޔޫކޭއާއެކު އެފްޓީއޭގެ މަސައްކަތް ކުރެވުނުކަމުގެ އެއްވެސް މައުލޫމާތެއް އިކޮނޮމިކް މިނިސްޓްރީގައި ފެންނަން ނެތްކަމަށާއި، މި އަހަރުގެ 28 މެއި ގައި ކުރިއަށްދިޔަ މޯލްޑިވްސް-ޔޫކޭ ޑަޔަލޮގްގެ ބައްދަލުވުމުގައި އެފްޓީއޭ އެއްބަސްވުމާބެހޭ ވާހަކަ ހިމަނާފައި ނުވަނީ، ދެ ގައުމުގެ ސަރުކާރުން ވެސް މަޝްވަރާކުރަން އެއްބަސްވެވޭ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ބައްދަލުވުމުގެ އެޖެންޑާ ކަނޑައަޅާތީކަމަށް މިނިސްޓަރު ސާފުކުރައްވައިފިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.