އިހަވަންދިއްޕޮޅުގައި ފެށި ބައިނަލްއަގުވާމީ ބަންކަރިން ހިދުމަތުން މިހާތަނަށް 192 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށި މި ހިދުމަތުން ދައުލަތަށް ބޮޑު ފައިދާއެއް ލިބެމުންދާ ކަމަށެވެ.
ސައީދު ވިދާޅުވީ އެސްޓީއޯގެ ހިސާބުތަކަށް ބަލާއިރު 192.14 މިލިއަން ރުފިޔާގެ އާމްދަނީއާއެކު، ޓެކްސްގެ ގޮތުގައި 17 މިލިއަނަށްވުރެ ގިނައިން ލިބިފައިވާކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ޓެކްސްގެ 80 އިންސައްތަ އައީ ލޯސަލްފާ ފިއުލްއިންނެވެ. މިއީ މީގެކުރިން ރާއްޖެއަށް ގެނެސްގެން ވިއްކި އެއްޗެއް ނޫންކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ބައިނަލްއަގުވާމީ ކުންފުންޏެއް ކަމަށްވާ ވިޓޯލްއާ ގުޅިގެން 2023 ވަނަ އަހަރުގެ މާޗް މަހު ފެށި މި ހިދުމަތަށް އެސްޓީއޯއިން 15-20 މިލިއަން ޑޮލަރު އިންވެސްޓް ކޮށްފައިވާއިރު، މިހާރު އެ މަސައްކަތް ކުރިއަށްދާއިރު ރަނގަޅު ނަތީޖާއެއް ލިބެމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ހިދުމަތް އިތުރަށް ފުޅާކޮށް ހޯރަފުށީގައި ތެޔޮ ޓާމިނަލެއް އަދި ކޮންޓެއިނާ ޓާމިނަލެއް ގާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ