މަޑަގަސްކަރައިގެ ރައީސް އެންޑްރީ ރަޖޮއެލީނާ، އެ ގައުމުން ފިލައިގެން ވަޑައިގެންފައިވާ ކަމަށް އިދިކޮޅު ލީޑަރުންނާއި ސަރުކާރު އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ.
އިދިކޮޅު ލީޑަރު ސިޓެނީ ރަންޑްރިއާނަސޮލޮނިއަކޯ ރޮއިޓާސްއަށް ވިދާޅުވީ، އަސްކަރީ ޔުނިޓްތަކުން ޒުވާނުންގެ މުޒާހަރާތަކާ ގުޅިގެން ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަން ފެށުމުން ރައީސް ގައުމުން ބޭރަށް ވަޑައިގެންފައިވާ ކަމަށެވެ. "ރައީސް އޮފީހުގެ މުވައްޒަފުން ވަނީ އެ މަނިކުފާނު ގައުމުން ވަޑައިގަތްކަން ކަށަވަރުކޮށްދީފައި،" އޭނާ ވިދާޅުވިއެވެ.
އަސްކަރީ މަސްދަރެއް ހިއްސާކުރި ގޮތުގައި ރަޖޮއެލީނާ ވަޑައިގަތީ ފްރާންސްގެ އަސްކަރީ މަތިންދާބޯޓެއްގައި، ފްރާންސްގެ ރައީސް މެކްރޮންއާއެކު ހަމަޖެހިގެން ކަމަށް ފްރާންސްގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.
މިދިޔަ މަހު 25 ވަނަ ދުވަހު ފެށި މުޒާހަރާތަކުގައި، ޒުވާނުން އިސްނަގައިގެން ކަރަންޓާއި ފެން ނުލިބޭކަމަށް ބުނެ ސަރުކާރަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް ރައީސްގެ އިސްތިއުފާއަށް ގޮވާލިއެވެ. މުޒާހަރާތަކާ ގުޅިގެން، 2009 ވަނަ އަހަރު ރަޖޮއެލީނާ ވެރިކަމަށް ގެނައުމަށް އިސްދައުރެއް އަދާކުރި ކެޕްސެޓް އަސްކަރީ ޔުނިޓް ވެސް ފަހުން ވަނީ މުޒާހަރާކުރާ ފަރާތްތަކާ ގުޅިފައެވެ.
އދ.ގެ ހިސާބުތަކުން ދައްކާ ގޮތުގައި މި މުޒާހަރާތަކުގައި މިހާތަނަށް 22 މީހުން މަރުވެ 100 މީހުން ޒަޚަމުވެފައިވެއެވެ. މަޑަގަސްކަރައިގެ ގާނޫނުގައި އޮންނަ ގޮތުން ރައީސަކު ނެތް ހާލަތެއްގައި، އިންތިޚާބު ބާއްވަންދެން ސެނެޓުގެ ލީޑަރު ވަގުތީ ގޮތުން މަގާމާ ހަވާލުވެވަޑައިގަންނަވާނެއެވެ.
32 މިލިއަން އާބާދީ އޮންނަ މަޑަގަސްކަރަކީ ވަސީލަތްތައް މުއްސަނދި ނަމަވެސް ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށްވާއިރު، އެ ގައުމުގެ 75 ޕަސެންޓް މީހުންނަކީ ޒަރޫރީ ބޭނުންތައް ފުއްދަން ވެސް އާމްދަނީ ނުލިބޭ މީހުންނެވެ.
ކޮމެންޓު ފޮނުވާ