ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލެއިން އުތުރުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ ގާއިމުކޮށްފައެވެ. ޅ. އޮޅުވެލިފުށީގައި މިއަދު ސެލްފް ސަރވިސް ބޭންކިން އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފުރިހަމަވީއެވެ.
އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް އޮޅުވެލިފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމާއި ބީއެމްއެލްގެ ޗެއާޕަރސަން އަހުމަދު އަލީ ހަބީބާއި ސީއީއޯ މުހައްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. ބީއެމްއެލްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިހާރު ހއ. ތުރާކުނުން ފެށިގެން މާލެއާ ހަމައަށް ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ލިބެން ހުރިކަމަށް ސީއީއޯ ޝަރީފް ވިދާޅުވިއެވެ. ބީއެމްއެލްގެ ޚިދުމަތުގައި މިހާރު 20 އަތޮޅެއްގައި 42 ބްރާންޗާއި 193 ސެލްފް ސަރވިސް ބޭންކިން ސެންޓަރާއި 251 އޭޓީއެމް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ