އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތައް އެހެން ފަރާތްތަކަށް ކުއްޔަށް ދީފައިވޭތޯ ބަލައި، އެއްބަސްވުމާ ހިލާފަށް ކުއްޔަށް ދީފައިވާ ފްލެޓްތައް ބާޠިލްކޮށް ދައުލަތަށް ނެގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވީ ސަބްސިޑައިޒް ކުރެވިފައިވާ އަގުތަކުގައި ދޫކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓްތައް ބޮޑެތި އަގުތަކުގައި ކުއްޔަށް ދިނުމަކީ ސަރުކާރުން ޤަބޫލުކުރާ ކަމެއް ނޫންކަމަށެވެ. އެހެންކަމުން އެއްބަސްވުމާ ހިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، ހައްޤުވެރިންނޫން އެހެން ފަރާތްތައް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް ދައުލަތަށް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވީ ސޯޝަލް ހައުސިން ސްކީމަކީ ތަނަވަސްކަން ނެތް ފަރާތްތަކަށް އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމަކަށްވާތީ، އެފްލެޓްތައް އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމަކީ އެއްބަސްވުމާ ހިލާފު ކަމެއްކަމަށެވެ. އެހެންކަމުން އެފްލެޓްތައް ކުއްޔަށް ދޫކޮށްފައިވޭތޯ ބަލަމުން ގެންދާނެކަމަށާއި، އެއްބަސްވުމާ ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު އެގްރިމެންޓުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އެޅި 4000 ފްލެޓް ލިބުނު ބައެއް މީހުން އެތަންތަން ބޮޑު އަގުގައި ކުއްޔަށް ދޭން އިޝްތިހާރު ކުރުމުން ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އުފެދިފައިވެއެވެ. ސޯޝަލް މީޑިއާގައި ތިން ކޮޓަރީގެ ފްލެޓް 25،000 ރުފިޔާއަށް ކުއްޔަށް ދިނުމަށް އިސްތިހާރު ޖަހާފައިވާއިރު، ސަރުކާރުން އެފްލެޓްތައް ދޫކުރަނީ 9،500 ރުފިޔާއަށެވެ. ހިޔާ ފްލެޓްތަކާއި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ކުއްޔަށް ދޫކުރާ މައްސަލާގައިވެސް މީގެކުރިން ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމެންޓު ފޮނުވާ