ޕާކިސްތާނުގެ ފުލުހުންގެ ތަމްރީނު މަރުކަޒަކަށް ހަނގުރާމަވެރިން ދިން ހަމަލާއެއްގައި 7 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ފުލުހުންގެ ތަމްރީނު މަރުކަޒަކަށް ހަނގުރާމަވެރިން ދިން ހަމަލާއެއްގައި 7 މީހުން މަރުވެއްޖެ

Author
ހުސައިން
12 އޮކްޓޯބަރ 2025 08:47
0

ޕާކިސްތާނުގެ ޚައިބަރު ޕަޚްތޫންޚްވާ ޕްރޮވިންސްގެ ޑެރާ އިސްމާއިލް ޚާންގައި ހުންނަ ފުލުހުންގެ ތަމްރީނު މަރުކަޒަކަށް ހަނގުރާމަވެރިން ހުކުރު ދުވަހު ދިން ހަމަލާއެއްގައި 6 ފުލުހުންނާއި އާންމު މީހަކު މަރުވެއްޖެއެވެ.

މި ހަމަލާގައި ހަނގުރާމަވެރިން ވަނީ ގޮވާތަކެތި އަޅާފައިވާ އުޅަނދެއް ތަމްރީނު މަރުކަޒުގެ މައި ދޮރާއްޓަށް ވައްދާލައި ޖާނުން ފިދާވުމުގެ ހަމަލާއެއް ދީފައެވެ. މީގެ ފަހުން ފުލުހުންނާ ދެމެދު ހިނގި 5 ގަޑިއިރުގެ ކުރިމަތިލުމުގައި 5 ހަނގުރާމަވެރިން މަރާލުމުގެ އިތުރުން 13 ފުލުހުންނަށް އަނިޔާވެފައިވެއެވެ. ހަނގުރާމަވެރިންގެ އަތުން ވަނީ ސުއިސައިޑް ޖެކެޓްތަކާއި އެކި ވައްތަރުގެ ހަތިޔާރުތައް ހޯދާފައެވެ.

ހަމަލާދިން މީހުން ވަނީ މިސްކިތަކަށް ވަދެ އިމާމެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ މީހަކު ވެސް މަރާލާފައެވެ. މި ހަމަލާ ހިނގާފައިވަނީ މިހާރު ކުރިއަށްދާ ހަނގުރާމަވެރިކަމުގެ ހަރަކާތްތަކުގެ ތެރެއިންނެވެ. މީގެ ކުރިން އޮރަކްޒާއީ ޑިސްޓްރިކްޓްގައި 11 ސިފައިން މަރުވި ކަމަށާއި، ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ސިފައިންގެ މޭޖަރަކާއި 7 ހަނގުރާމަވެރިން މަރުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕާކިސްތާނު ސިފައިން ބުނެފައިވަނީ މި ހަމަލާގެ ފަހަތުގައިވަނީ ތަހްރީކް-އީ-ތާލިބާން ޕާކިސްތާން (ޓީޓީޕީ) ކަމަށާއި، އިންޑިއާއިން ޓެރަރިޒަމަށް އެހީތެރިވާ ކަމަށް ތުހުމަތުކޮށްފައެވެ. އަފްޣާނިސްތާނުން ވަނީ އެގައުމުގެ ބިން ޕާކިސްތާނަށް ހަމަލާ ދިނުމަށް ބޭނުންކުރުމަށް ހުއްދަ ނުދޭނެ ކަމަށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.