ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު ދިގުމުއްދަތަކަށް ދެމިހުރި ހަނގުރާމަ އެއްކޮށް ނިމިގެންދިޔައީކަމުގެ ޔަގީންކަން މެދުވެރިންނާއި އެމެރިކާއިން ދީފައިވާކަމަށް ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވި ހަމާސްގެ ޓީމުގެ އިސްވެރިޔާ ޚަލީލު އަލް ހާޔާ ވިދާޅުވެއްޖެއެވެ. މިސްރުގެ ޝަރްމުއްޝައިޚުގައި ތިން ދުވަހު ކުރިޔަށްގެންދިޔަ ވާހަކަތަކުގައި މިސްރާއި ގަތަރާއި ތުރުކީން މެދުވެރިއެއްގެ ދައުރު އަދާކުރި އިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި 20 ޕޮއިންޓްގެ ޕްލޭންގެ ފުރަތަމަ ފޭސް ތަންފީޒުކުރަން ދެ ފަރާތުން އެއްބަސްވިއެވެ.
ބުރާސްފަތި ދުވަހު ޓީވީގައި ވާހަކަދައްކަވަމުން ޚަލީލު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށްޓަކައި ހަމާސް އިން ޒިންމާދާރު ނިންމުމެއް ނިންމިކަމަށެވެ. މި އެއްބަސްވުމާއެކު ރަފަހު ބޯޑަރު ހުޅުވިގެން ޣައްޒާއަށް އެހީގެ ތަކެތި ވަންނާނެއެވެ. އިސްރާއީލުގެ ޖަލުތަކުގައި އުމުރުދުވަހުގެ ހުކުމުގައި ތިބި 250 ފަލަސްތީނުވެރިންނާއި ޣައްޒާއިން ހައްޔަރުކުރި 1700 މީހުން މިނިވަންކުރާއިރު، ހަމާސްގެ އަތްދަށުގައި ތިބި އަސީރުންވެސް މިނިވަންކުރާނެއެވެ.
ޚަލީލު އަލް ހާޔާ ވިދާޅުވީ ޣައްޒާ އަލުން އާރާސްތުކޮށް މުސްތަގްބަލު ބިނާކުރުމުގެ މަސައްކަތް މިހާރު ފެށުނީކަމަށާއި ފަލަސްތީނު ވަކި ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމުގެ މަސައްކަތުގައި ހަމާސް ދެމިއޮންނާނެކަމަށެވެ. އެގޮތުން ޤުދުސް ވާނީ ފަލަސްތީނުގެ ވެރިރަށްކަމަށް ހުވާކުރައްވާ، މެދުވެރިކޮށްދިން ގައުމުތަކަށާއި ދުނިޔޭގެ އެކި ހިސާބުތަކުން ފަލަސްތީނަށް ތާއީދުކުރި އެންމެންނަށް ޝުކުރު އަދާކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ