ބީއެމްއެލްއަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ދިރިއުޅުމާ ގުޅިފައިވާ ބޭންކެއް: ޝަރީފް

ބީއެމްއެލްއަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ދިރިއުޅުމާ ގުޅިފައިވާ ބޭންކެއް: ޝަރީފް

Author
އަހުމަދު
10 އޮކްޓޯބަރ 2025 08:01
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ދިރިއުޅުމާ ގުޅިފައިވާ ބޭންކެއް ކަމަށާއި، ގައުމީ ބޭންކުގެ ހައިސިއްޔަތުން ރައްޔިތުންނަށް ފައިދާކުރަނިވި މަޝްރޫޢުތަކަށް އެހީތެރިވުމުގެ ޒިންމާ ނަގަންޖެހޭ ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ގެދޮރު އިމާރާތް ކުރުމަށް ފަސް ޕަސެންޓަށް ވުރެ ކުޑަ އިންޓުރެސްޓު ރޭޓެއްގައި ލޯނު ދޫކުރާ ހިޔާވަހި ފައިނޭންސް ސްކީމުގެ ދަށުން ލޯނު ދޫކުރަން ފެށުމުގެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ބޭންކުގެ ކުރިއެރުމާއި ގައުމުގެ ކުރިއެރުން އަކީ ވަކިން އޮތް ކަމެއް ނޫން ކަމަށެވެ. ބީއެމްއެލްގެ ދުޅަހެޔޮކަމާއި ކުރިއެރުން ގުޅިފައިވަނީ ދިވެހި އިގްތިސާދާ ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

މި ސްކީމްގެ ދަށުން ބީއެމްއެލަށް މިހާރު ވެސް 1،400 އަށް ވުރެ ގިނަ އެޕްލިކޭޝަންތައް ލިބިފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ. މި ސްކީމުން ފައިނޭންސިން އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތު ލިބޭއިރު، 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ހިމެނެއެވެ. އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ 20 ޕަސެންޓު ކަސްޓަމަރަށް ނުވަތަ ސަރުކާރު މެދުވެރިކޮށް ހަމަޖެއްސޭނެއެވެ. އިމާރާތް ކުރާ ތަން ފިޔަވާ އިތުރު ރަހުނެއް ބޭނުމެއް ނުވާނެއެވެ.

ރަށްވެހިން އެދި ހުށަހަޅާ ފަރާތްތަކަށް އެއް މިލިއަން ރުފިޔާ، ސަހަރުތަކުން 3 މިލިއަން ރުފިޔާ އަދި ފުރަމާލެއިން 6 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ލިބޭނެއެވެ. ހިޔާވަހި ފައިނޭންސިން ސްކީމްގެ ޕާޓްނަރުންނަކީ ބީއެމްއެލް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.