މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން، ބޭރު ފައިސާ މާރުކުރާ ވިޔަފާރިތަކުގެ ލައިސަންސް ފީތައް ދެ ގުނައަށް ބޮޑުކޮށްފިއެވެ. ފައިސާ ބަދަލުކުރުމާ ބެހޭ ގަވައިދަށް ގެނައި އިސްލާހުގައި، ލައިސަންސް އެޕްލިކޭޝަން ފީއާއި އަހަރީ ފީތައް އިތުރުކުރުމާއެކު، ވިޔަފާރީގެ މިންގަނޑުތައް ވެސް ވަނީ ވަރުގަދަކޮށްފައެވެ.
އެމްއެމްއޭއިން ބޭރު ފައިސާ މާރުކުރުމަށް ދޭ ޓިއާ ވަން ލައިސަންސްގެ އެޕްލިކޭޝަން ފީ، މީގެ ކުރިން 20،000 ރުފިޔާ ކަމުގައި ހުރި ނަމަވެސް، އިސްލާހުގައި އެ އަދަދު ވަނީ 40،000 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަހަރީ ފީ ވެސް 24،000 ރުފިޔާއިން 48،000 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު، ލައިސަންސް އައުކުރުމުގެ ފީ 10،000 ރުފިޔާއިން 20،000 ރުފިޔާއަށް އިތުރުކޮށްފައިވެއެވެ. ޓިއާ ޓޫ ލައިސަންސްގެ އެޕްލިކޭޝަން ފީ ވެސް 1،300 ޑޮލަރުން 2،600 ޑޮލަރަށް އަދި އަހަރީ ފީ 1،800 ޑޮލަރުން 3،600 ޑޮލަރަށް ބޮޑުކޮށްފައިވެއެވެ.
އިސްލާހުގައި ޓިއާ ވަން ލައިސަންސް ދެ ކެޓަގަރީއަކަށް ބަހާލާފައިވެއެވެ. ކެޓަގަރީ އޭގެ ދަށުން އާންމުންނަށާއި ވިޔަފާރިތަކަށް ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ޚިދުމަތް ދެވޭއިރު، ކެޓަގަރީ ބީގެ ދަށުން ވިޔަފާރިތަކަށް އެކަނި ޚިދުމަތް ދެވޭނެއެވެ. މީގެ އިތުރުން، ލައިސަންސް ލިބިފައިވާ ފަރާތްތަކުން ހުރިހާ ވަގުތެއްގައި ވެސް އޮތޯރިޓީގައި ބަހައްޓަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓުގެ އަދަދު 50،000 ޑޮލަރުން އެއް ލައްކަ ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ.
ބޭރު ފައިސާ މާރުކުރާ ތަންތަނުގައި ރޭޓު ދައްކުވައިދޭ ޑިޖިޓަލް ބޯޑު ބެހެއްޓުމާއި، ސީސީޓީވީ ކެމެރާ ހުރިހާ ވަގުތެއްގައި މަސައްކަތްކުރާގޮތް ކަށަވަރުކުރުމާއި، ނަގުދު ފައިސާ ރައްކާތެރި އަދި ސަލާމަތްތެރި ގޮތުގައި ބަހައްޓުން ފަދަ މިންގަނޑުތައް ވެސް ވަނީ ގަވައިދުގައި ހިމަނައިފައެވެ. ބޭރު ފައިސާއާ ބެހޭ ގަވާއިދާއި ފައިސާ މާރުކުރުމުގެ ވިޔަފާރިއާ ބެހޭ ގަވާއިދު ގެޒެޓުކުރީ މިދިޔަ އޮކްޓޫބަރު މަހުގެ އެކެއްގައެވެ.
ކޮމެންޓު ފޮނުވާ