އައްޑޫގެ ތިން ރަށުގެ ކައުންސިލާމެދު ގޮތެއް ނިންމާ ވޯޓުގައި ވޯޓުލާން 18 ފޮށި ބަހައްޓާނެ

އައްޑޫގެ ތިން ރަށުގެ ކައުންސިލާމެދު ގޮތެއް ނިންމާ ވޯޓުގައި ވޯޓުލާން 18 ފޮށި ބަހައްޓާނެ

Author
ހުސައިން
09 އޮކްޓޯބަރ 2025 08:42
0

އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ޚިޔާލު ހޯދުމުގެ ވޯޓުލުމަށް އައްޑޫ އަތޮޅު ހުޅުދޫ، މީދޫ އަދި ފޭދޫގައި ޖުމްލަ 18 ވޯޓު ފޮށި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ މިމަހުގެ 25 ވަނަ ދުވަހު ނެގޭ މި ތާރީޚީ ވޯޓުގައި ފޭދޫގައި 5 ފޮށި، ހުޅުދޫގައި 3 ފޮށި އަދި މީދޫގައި 3 ފޮށި ބަހައްޓާނެކަމަށެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ މި ތިން ރަށުގެ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ހޯދައިދިނުމަށް ފުރަ މާލޭގައި 6 ވޯޓު ފޮށި ބަހައްޓާނެއެވެ.

މި ވޯޓާ ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ ފަރާތަކަށްވެސް 24 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ކެމްޕެއިން ކުރެވޭނެކަމަށް ޒާހިދު ވިދާޅުވިއެވެ. އާންމު ފަރުދަކަށްވެސް ޕާޓީއަކަށްވެސް ޖަމިއްޔާއަކަށްވެސް ދެކޭގޮތް ހާމަކުރެވޭނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ މި ވޯޓުގައި ސަރުކާރުން އެއްވެސް ކޮޅެއް ނުނަންގަވާނެކަމަށާއި ރައްޔިތުން ނިންމާ ގޮތަށް އެކަން ތަންފީޒުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ހުށަހަޅުއްވާފައިވަނީ އެ ރަށަކަށް ޚާއްސަ ކައުންސިލެއް އުފައްދަން ފެނޭތޯ ނުވަތަ ދެ ރަށަށް ގުޅިގެން އެއް ކައުންސިލް އުފައްދަން ފެނޭތޯ ކަމަށެވެ. ފޭދޫގެ ރައްޔިތުންނަށް ހުށަހަޅުއްވާފައިވަނީ އެ ރަށަށް ޚާއްސަ ކައުންސިލެއް އުފައްދަން ފެނޭތޯއެވެ.

ވޯޓުލުން ކުރިއަށްދާނީ 25 ވަނަ ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އާ ހަމައަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.