މިދިޔަ ހަފްތާގައި އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކޮށް ކޯޓުން ދޫކޮށްލި ކޮލެޖު ދަރިވަރަކު ހިމެނޭހެން ހަތަރު މީހަކު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ރޭ ހައްޔަރުކޮށްފިއެވެ.
މުޒާހަރާއިން ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ނ. ވެލިދޫ ޖަވާހިރުމާގެ މުހައްމަދު ހަލަފް އިބްރާހީމް ބަންދުމަޖިލީހަށް ހާޒިރުކުރުމުން ކޯޓުން ދޫކޮށްލީ އޭނާ ކޮލެޖް ނިންމައި ގެއަށްދާ މަގުމަތީގައި އެއްވެފައިތިބި މީހުންގެ ތެރޭގައި ތާށިވެފައި ހުރި ކަމަށް ބުނުމުންނެވެ. އޭނާ އިތުރަށް ބަންދުގައި ބެހެއްޓުމުގެ ޒަރޫރަތެއް ނެތް ކަމަށް ކޯޓުން ނިންމިއެވެ.
ނަމަވެސް ރޭ ހަލަފްއާއެކު ހައްޔަރުކުރި ހަސަން ނާއިމް، އަހްމަދު މައިޝާން ނަސީމް އަދި އިބްރާހިމް ރިޔާޟްގެ އެޕާޓްމެންޓަކުން ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ އިތުރުން އެތަކެތި ބަންދުކުރަން ބޭނުންކުރާ ސާމާނު ވެސް ފެނިފައެވެ. ބަންދު ރިޕޯޓުގައި ބުނެފައިވާ ގޮތުން އެ އެޕާޓްމެންޓަކީ އާއްމު ދިރިއުޅުމަށް ހަދާފައިވާ ތަނެއް ނޫން ކަމަށާއި މަސްތުވާތަކެތި ޕެކެޓްކޮށް ބަންދުކުރުމަށް ހާއްސަކޮށްފައިވާ ތަނެއް ކަމަށް ފާހަގަކޮށްފައިވެއެވެ. ކްރިމިނަލް ކޯޓުން މި ހަތަރު މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ކޮމެންޓު ފޮނުވާ